Last Updated: June 8, 14:27
Monday, June 8, 2026
މުނިފޫހިފިލުވުން

މަދޫރީ އާއި ޓްރިޕްތީގެ 'މާ، ބެހެން' ނިންމާލައިފި

ބޮލީވުޑްގެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓާއި ޓްރިޕްތީ ދިމްރީ އެކީގައި ފެންނާނެ ދެވަނަ ފިލްމު "މާ، ބެހެން" ގެ ޝޫޓިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ވަނީ ފިލްމުގެ ޝޫޓިން ނިންމައިލުން ފާހަގަކުރަން ޓީމުން ރޭ ބޭއްވި ހަފުލާއެއްގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް އާންމުކޮށްފަ އެވެ. އޭގައި މަދޫރީ ފެންނަނީ ރަތާއި ހުދު ކުލައިގެ ހެދުމެއްގަ އެވެ. އަދި ޓްރިޕްތީ ހުރީ ނޫ ކުލައިގެ ހެދުމެއްގަ އެވެ. އަދި ދެ ތަރިންނާ އެކު އެކްޓަރު ރަވީ ކިޝަން ވެސް ފެނެ އެވެ.

ތަޖުރިބާކާރު ބަތަލާ މަދޫރީ އާއި ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޓްރިޕްތީ އެކީގައި ދެވަނަ ފިލްމެއްގެ މަސައްކަތް ކުރަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ދެ ތަރިން އެކީގައި މަސައްކަތް ކުރި ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.

ދެ ތަރިންގެ "މާ، ބެހެން" ގެ ޝޫޓިން ނިންމައިލި ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކަމަކު މި އަހަރުގެ މެއި މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމުގެ ޑައިރެކްޓަރަކީ ސުރޭޝް ތުރިވޭނީ އެވެ. އޭނަ އަކީ ވިދިއާ ބާލަންގެ "ތުމާރީ ސުލޫ" އާއި "ޖަލްސާ" ގެނެސްދިން ޑައިރެކްޓަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން "މާ، ބެހެން" ގެ ކާސްޓްގައި ރަވީ ކިޝަން އާއި ދަރްނާ ދުރުގާ ވެސް ހިމެނެ އެވެ.

އަބުންދަންޓިއާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ނެޓްފްލިކްސް ކަމަށާއި އެކަން ވަރަށް އަވަހަށް އެ ސްޓޫޑިއޯ އިން އިއުލާން ކުރާނެ ކަމަށް ވެސް މީޑިއަތަކުން ބުންޏެވެ.

ޓްރިޕްތީގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި "ދަޅަކް 2" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރްގެ "އޯ، ރޯމިއޯ" އާއި ޕްރަބާސްގެ "ސްޕިރިޓް" ހިމެނެ އެވެ.