Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

މާވަށުގެ ބައެއް މަޝްރޫއުތައް ފަށަައިފި

ލ. މާވަށުގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ލ. އަތޮޅަށް ފެއްޓެވި ދަތުރުގައި އެންމެ ފުރަތަމަ ރަަށަކަށް މާވަޑައިގެންނެވެ.

ވަކި ވަކިން ބޭއްވި ރަސްމިއްޔާތުތަކުގެ ތެރެއިން މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަުރ އިބްރާހިމް ނަޒީމެވެ.

މާވަށުގެ މައި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިރު، ޖުމްލަ 1.8 ކިލޯ މީޓަރުގެ މަގު ހަދާނެ އެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ވެސް ޖަހާނެ އެވެ.

މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އެވެ. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބާއި، އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީއެވެ.

މީގެ އިތުރުން މިއަދު މާވަށު ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތާއި އެ ރަށުގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ވެސް ފަށާފައިވެ އެވެ. އަދި އެ ރަށު ސްކޫލްގެ އެކްސްޓެންޝަންގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ.

ރައީސް ވިދާޅުވީ މާވަށު ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީކޮށް، ސީ އެމްބިއުލާންސްގެ ހިދުމަތް ފަށާނެ ކަމަށެވެ.