ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނީ އިމުގެ ތެރެއަށް އެނބުރިވަޑައިގަތުމަށާއި އެހެން ނޫން ނަމަ އެ މަނިކުފާނު ޖެހިވަޑައިގަންނަވާނީ ގެކޮޅަށް ވަޑައިގަންނަވަން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ދައުލަތް ހިންގުމުގެ މުޅި ނިޒާމު ޚަރާބުކޮށް އޮޅުން ބޮޅުންކޮށްފައިވާ ކަމަށެވެ. އަދި އެކަން ފެށުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުން ތަޅުއެޅުވޭ ގޮތަށް ފާސްކުރި ގާނޫނާ ހަމައިން ކަމަށް ވިދާޅުވިއެވެ.
އިމްރާން ވިދާޅުިވީ ޝަރުއީ ނިޒާމާއި މިނިވަން މީޑިއާގައި ވެސް މި ސަރުކާރުން ތަޅު އަޅުވާފައިވާ އިރު ހުރަސް ކުރަން ނުޖެހޭ އެތައް ރޮނގެއް ރައީސް މިހާރު ހުރަސްކުރައްވާފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ރައީސް މުއިއްޒަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާނަމަ، ނުވަތަ ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާނަމަ، މިއަދުން ފެށިގެން ގެއަށް ވަޑައިގަންނަވާ،" އޭނަ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ވެރިކަން ކުރަން ކަމަށާއި އެ ނޫން މަގަކަށް ހިންގެވުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ.
"އަމިއްލަ ރަސްކަމަކަށް ދިވެހި ގައުމު ހައްދަވަން ބޭނުންފުޅު ވާނަމަ، އެ ޖާގައެއް ރައްޔިތުން ނުދޭނެ. އަޅުގަނޑުމެން އެ ޖާގަ ދޭކަށް ނެތިން." އޭނަ ވިދާޅުވި އެވެ. "ވެރިއަކު ހުރަސްކުރައްވައިގެން ނުވާނެ އެތައް ރަތްރޮނގުތަކެއް ހުރަސްކުރައްވާފައި. އެހެންވީމާ، ރައީސް މުއިއްޒު މި ރޮނގުތަކުގެ ތެރެއަށް ވެއްދުމަށްޓަކައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ހުރިހާ ސިޔާސީ ލީޑަރުންނާއި ހުރިހާ ރައްޔިތުން ގުޅިގެން ނުކުމެ، މަސައްކަތް ފަށަމާ ހިންގަވާ."
އިމްރާން ވިދާޅުވީ، ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާނީ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާ ނަމަ ކަމަށެވެ.