Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑު އަށް ބޭނުމީ އާބާދީ އިތުރު ކުރުން: ނަޝީދު

އައްޑޫ ސިޓީ ބައިބައިކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށާއި އެ ސިޓީގެ ތަރައްގީ އެންމެ ބޮޑަށް ބޭނުން ވަނީ އެތަނުގައި ދިރިއުޅޭނެ ބޮޑު އާބާދީއެެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ސިޓީ ކައުންސިލެއް އޮތް އައްޑޫގައި، ރަށު ކައުންސިލް ހަދަން ފެނޭތޯ ތިން އަވަށެއްގައި ވޯޓެއް ނަގަން ތައްޔާރުވަމުންދާތީ އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް އެންމެ ބޭނުމީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށެވެ.

އެހެންވެ ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރަން ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތަކަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ، އިސްލާމީ އުންމަތުގައި މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން އަދި އެ ނޫން ވެސް ފަންނީ މީހުން ބައިވަރު ތިބޭނެ ކަމަށެވެ.

"[އެފަދަ ފުރުސަތެއް ފަހިކޮށް ދީފި ނަމަ] އައްޑު އަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ." ނަޝީދު ވިދާޅުވި އެވެ.

އައްޑު އަށް ސިޓީއެެއްގެ ދަރަޖަ ދިނީ އެ މަނިކުފާނުގެ ވެރިކަމުގަ އެވެ.

ނަޝީދަކީ މީގެ ކުރިން އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އައްޑޫގެ ތަރައްގީ އަކީ މުޅި ރާއްޖޭގެ ތަރައްގީގެ ގޮތުގައި އެ މަނިކުފާނު އެތައް ޕްލެޓްފޯމެއްގައި ސިފަ ކުރައްވާފައިވެ އެވެ.

އައްޑޫގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މި މަހުގެ 25 ގައި ވޯޓް ނަގަން ހަމަޖެހިފައިވާ ތިން އަވަށަކީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދު އެވެ.