Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ސަރުކާރުން މިހާރު އުޅެނީ ފައިސާ ޗާޕް ކުރަން: އެެމްޑީޕީ

ސަރުކާރުން ރަސްމީ ނިޒާމުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ފައިސާ ޗާޕުކުރާ ކަމަށް ތުހުމަތުކޮށް، އެކަން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފައިސާ ޗާޕު ނުކުރުމަކީ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެއް ކަމަށެވެ. އެގޮތުން ކަންކަން ކުރެވޭ ވަރަށް ދައުލަތައް ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށާއި، ލޯނު ނެގުމާއި ފައިސާ ޗާޕުކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތަށް ފައިސާ ހޯދަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާޤާބިލުކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދި އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަންދުވެ، ސަރުކާރު ކުންފުނިތަކާއި ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުނީމަ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.

"ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ނުރައްކާތެރި ކަމެއް މިއީ މިހާތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތެއް." އެމްޑީޕީން ބުންޏެވެ.

އެ ޕާޓިން ބުނީ އެމްޑީޕީ ވެރިކަމުގައި އޮއްވައި ކުރިމަތިވި ކޮވިޑު-19 ގެ ކުއްލި ވަބާއާއެކު، މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ޓޫރިސްޓުން އައުން މުޅިން ހުއްޓުނު ކަމަށެވެ. އަދި އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ހުއްޓުމަކަށް އައުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ދަށަށް ދިޔަ ކަމަށާއި. ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ގޭހާއި ބޭސްފަދަ ޒަރޫރީ ތަކެތި ލިބުން ހުއްޓުމަކަށް ނާންނާނެކަން ސަރުކާރުން ކަށަވަރުކޮށް ދިން ކަމަށެވެ.

މި" ދެންނެވި ކަންކަމުގެ ހަރަދުތައް ހަމަޖައްސަން ޖެހުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެޑްވާންސްކޮށް ފައިސާ ނަގައިގެން. އެއީ، ޤާނޫނުގައި ބަޔާންކޮށްފައިވާ، ޤުދުރަތީ ކާރިސާއެއް މެދުވެރިވުން އަދި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ދިމާވުން، މި ދެ ހާލަތު އެއްފަހަރާ ކުރިމަތިވެފައިވާތީ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. "އެ ގޮތަށް ފައިސާ ނެގުމަށް ޤާނޫނުން ލިބޭ ފުރުސަތުގެ ތެރެއިން، ޒިންމާދާރުކަމާއެކު އެޅި ފިޔަވަޅެއް. އެ ގޮތުން ނެގި ފައިސާ ހަރަދުކޮށްފައި ވަނީ، މުޅި ރާއްޖޭގެ އާބާދީއަށް ބޭނުންވާ އަސާސީ ތަކެއްޗާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ގައުމުގެ އެތެރޭގެ އިގްތިސާދުގެ ދިރުން ދެމެހެއްޓުމަށް އިސްކަންދީގެން."

އެ ޕާޓީން ބުނީ މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް ކަމަށެވެ.

"މި ކަމަކީ، މީގެ ދެމަސްދުވަސް ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއުލާނުކުރި މަނިޓަރީ ޕޮލިސީއާވެސް ކަނޑައެޅިގެން ހިލާފަށް ކުރާ ކަމެއް،" އެމްޑީޕީން ބުންޏެވެ. "އެހެންކަމުން، މިއީ ހަރުދަނާ ސިޔާސަތެއް އަދި އެއްވެސް ފަރުވާލެއްނެތި ކުރާ ކަމެއްކަން އެނގޭ."

އެ ޕާޓީން ބުނީ ޤުދުރަތީ ކާރިސާއެއް ނުވަތަ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް މެދުވެރިވުން ފަދަ ހާއްސަ ހާލަތެއް ކުރިމަތި ނުވަނީސް، 2.5 ބިލިއަން ރުފިޔާ ޗާޕުކޮށް، ސަރުކާރަށް އެމްއެމްއޭ އިން އިން އެޑްވާންސްކޮށް ނެގުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ، ޤާނޫނީގޮތުން ކަނޑައަޅައިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ޢައިރުޤާނޫނީ ޢަމަލެެއް ކަމަށް ވެސް ބުންޏެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުން އަދި ޕެންޝަން ފަންޑުގެ ބޯޑު މެންބަރުން، ސަރުކާރުގެ މި ފަދަ ޢައިރުޤާނޫނީ ކަންކަމުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަކީ މި ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން،" އެމްޑީޕީން ބުންޏެވެ. " މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެ. މިހެންކަމުން، ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ސަރުކާރަށް ގޮވާލަން."

ފައިސާ ޗާޕް ކުރުން މި ސަރުކާރުން ހުއްޓުމަކަށް ގެނައިކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ 2023 ގެ ހުރަވީ ދުވަސް ފާހަގަ ކުރަން ޑިސެމްބަރު 16 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.