ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 7 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ހަތް މީހުން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ ބިބަސް ރާއި (24އ) އާއި، ޑެބި ތަމަންގް (39އ) އާއި، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ނޭޕާލް މީހުންނެވެ.
ފުލުހުން ބުނީ މި ހަތަރު މީހުން ތިބި އެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ފެނިފައިވާ ކަމަށެވެ.
އަދި އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރަސެލް ޚާން (37އ) އާއި، އެމް.ޑީ ސޮހެލް ހަވްލަދަރ (32އ) އަދި ނުރުލް އިސްލާމް (40އ) އެވެ. މި ތިން މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މި އޮޕަރޭޝަންގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށާއި މި ބަލައި ފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 29 ފުޅިއާއި، ފަސް ލީޓަރުގެ ފުޅިއަކާއި، ތިން ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ދެ މައްސަލައިގައި ހައްޔަރުކުރި ހަތް ބިދޭސީން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފަ އެވެ.