Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

ބީއެމްއެލް އޭޓީއެމް މި ހަފުތާގައި ލާމުގެ ހުރިހާ ރަށަކަށް

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ލ. އަތޮޅު ހިތަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށާއި ބްރާންޗްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލް އިން ބުނީ މި ހަފްތާތެރޭގައި ބީއެމްއެލް އިން ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް މުޅި ލ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ލ. އަތޮޅުގެ މި ހަތް ރަށުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަހަރު އަލަށް އޭޓީއެމް ގާއިމުކުރެވުނު ރަށްތަކުގެ އަދަދު 103 އަށް އަރާނެ ކަމަށެވެ.

"ޝައްކެތް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އިސްކަން." ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސާވިސް ބޭންކިން ސެންޓަރު، 252 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.