Last Updated: June 8, 14:27
Monday, June 8, 2026
މުނިފޫހިފިލުވުން

އަނާގެ "ކްރޫޒް ދަތުރަށް" ނެގީ 9 މަސް!

ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޓޮމް ކްރޫޒާއި ބަތަލާ އަނާ ޑި އާމަސްގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުގައި ބޮޑު ފަރަގެއް ހުރި މި ދެ ތަރިން ހިތާވެގެން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ މި އަހަރުގެ ކުރީކޮޅު އެވެ. އެގޮތުން ފެބްރުއަރީ މަހު ފާހަގަކުރާ ވެލަންޓައިންސް ޑޭގައި ދެ މީހުން އެކީގައި ލަންޑުން އެކީގައި ފެނުންވެގެން ދިޔައީ ލޯބީގެ ގުޅުމެއް އޮތްކަން ކަށަވަރުކޮށް ދިން ކަމަކަށެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ކްރޫޒް، 63، އާއި އަނާ، 37، ޑޭޓްކުރަމުން އަންނަތާ ނުވަ މަހެއްހާ ދުވަސް ފަހުން ގުޅުން ނިމުމަކަށް ގެނައީ ދެ މީހުން އެކަމަށް އަމިއްލަ އަށް އެއްބަސްވެފަ އެވެ.

އޭގެ ސަބަބެއް ކަމަށް މީޑިއާތަކުން ބުނެފައި ދެ މީހުންގެ މެދުގައި ކުރިން އޮތް "ޖާދުވީކަން" ގެއްލިގެން ދިއުމެވެ.

ކްރޫޒް އާއި އަނާއާ ވެސް ގާތް ބަޔަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އެ މީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް އަބަދު ވެސް ގާތް އެކުވެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ. އަދި އެކީގައި ފިލްމީ މަސައްކަތް ވެސް ކުރާނެ ކަމަށާއި ކްރޫޒްގެ ކުރިއަށް އޮތް ފިލްމުން ވެސް އަނާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައިވެ އެވެ.

ކިއުބާ އަށް އުފަން އަދި އެމެރިކާ އާއި ސްޕެއިންގެ ރަށްވެހިކަން އޮންނަ އަނާ އަކީ މިހާރު ހޮލީވުޑްގެ ނުފޫޒު ގަދަ ބަތަލާއެކެވެ. އޭނަ ވަނީ ޖޭމްސް ސީރީޒްގެ އެންމެ ފަހުގެ ފިލްމު 2021 ގެ "ނޯ ޓައިމް ޓު ޑައި" ޑެނިއަލް ކްރެއިގާ އެކު ވެސް މަސައްކަތްކޮށްފަ އެވެ.

"ވޯ ޑޯގްސް" އާއި "ބްލޭޑްރަނާ 2049" އާއި "ދި އިންފޯމާ" އަދި "ނައިވްސް އައުޓް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި އެކްޝަން ތުރިލާ "ބެލެރީނާ" އެވެ.

ކުރިން ތން ބަތަލާއަލާ ކައިވެނިކޮށް، ތިން ދަރިން ވެސް ތިބި ކްރޫޒް އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނ ބަތަލާ ކެޓީ ހޯމްސްއާ އެވެ. އެ ދެ މީހުންގެ 2006 ގެ ކައިވެނީ ރޫޅައިލީ 2012 ގަ އެވެ. އަދި ބަތަލާ ނިކޯލް ކިޑްމަން އާއި ކްރޫޒްގެ 1990 ގެ ކައިވެނި ނިމުމަކަށް އައީ 2001 ގަ އެވެ.

ކްރޫޒް އެންމެ ފުރަތަމަ ކައިވެނިކުރީ ބަތަލާ މިމީ ރޮޖާސްއާ އެވެ. އެ ކައިވެނި ދެމިއޮތީ 1987 އިން 1990 އަށެވެ.

"މިޝަން އިމްޕޮސިބަލް" ގެ ތަރީގެ އެންމެ ފަހުގެ ފިލްމަކީ އެ ފްރެންޗައިޒްގެ 8 ވަނަ ބައިގެ ގޮތުގައި މެއި ގެނެސްދިން "ދަ ފައިނަލް ރިކޮނިން" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު ޑަގް ލިމަންގެ ކުރިއަށް އޮތް ބިރުވެރި ފިލްމު "ޑީޕާ" ގެ ތަރިންނަކީ ކްރޫޒާއި އަނާ އެވެ.