ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހިތަދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ.
އަދި އަންނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އަހުމިއްޔަތުކަން ދެއްވާނެ ކަމަށާއި އެގޮތުން އިންސާނީ ވަސީލަތްތަކުގެ އެހީގައި ޞިއްޙީ ޚިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، އަދި ރިޔާސީ ވަޢުދެއްކަމުގައިވާ، އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްޤީކުރެއްވުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމާމެދު މިދަތުރުފުޅުގައި ގޮތެއް ނުނިންމެވުމަކީ، އެކަން ނުކުރެއްވުން ނޫންކަމުގައި ވިދާޅުވެފަ އެވެ. އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނުގެ ރިޔާސީ ވަޢުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއްގެ އެކި މަރުޙަލާތައް ފައްޓަވައިދެއްވާފަ އެވެ. އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައި ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ ބިންގާއަޅުއްވާފަ އެވެ. އަދި ހިތަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅުއްވައި، ހިތަދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ހިތަދޫ – ކުނަހަންދޫ ކޯޒްވޭ މަޝްރޫޢު އިފުތިތާޙުކުރައްވާފައެވެ. މީގެއިތުރުން، ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތާއި، ހިތަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފަ އެވެ.