ރައްޖޭގެ ހަތަރު ސިޓީއަކާއި، އިތުރު ރަށެއްގައި ވަގުފު އިމާރާތްތަކެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން މުހިންމު މަޝްރޫޢުއެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ތިނަދޫ ސިޓީ، އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފަށަން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މި މަޝްރޫޢު ހިންގެވުމަށް އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން، ތިނަދޫ ސިޓީގައި 10 މިލިއަން އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާ ވަޤުފު އުފައްދަން އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރާނީ އެސިޓީތަކުގެ އިސްލާމީ ކަންކަމަށް ކަމަށާއި އެގޮތުން މިސްކިތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް ހާއްސަ މަަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.