ފެންބޮޑުވުމުގެ މައްސަލައަކީ ކުނަހަންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި މިއަދު ސޮއިކުރި މަގުހެދުމުގެ މަޝްރޫޢާއި ގުޅުވާލައިގެން އެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފި އެވެ.
ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުނަހަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އާންމު ރައްޔިތުން ވަނީ ކުނަހަންދޫގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމަށާއި މިއަދު ސޮއިކުރެއްވި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައި ނިންމަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
އަދި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތައް ހިއްސާކުރެއްވުމުގެ އިތުރުން، ރަށު ސްކޫލުގެ މަސައްކަތް މިހާރު އެހެން ފަރާތަކާއި ޙަވާލުކުރެވިފައިވީނަމަވެސް މި މަސައްކަތް ދާގޮތް ގާތުން ބައްލަވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ. ރަށު ރައްޔިތުން ފާހަގަކުރެއްވި ބައެއް އެހެން ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ޖަލްސާތައް ބޭއްވުމަށް ހޯލެއް ނެތުމުން ދިމާވާ ދަތިތަކުގެ އިތުރުން ރަށުގައި އެކަށީގެންވާ ޞިއްޙީ ފަރުވާ ދެވެން ނެތުމުގެ މައްސަލަ ހިމެނެއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިއަދު ފެށި މަޝްރޫޢުތަކާއި ސޮއިކުރި މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް ސަމާލުކަންދެއްވައިގެން، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ކުނަހަންދޫ ރައްޔިތުންނަށް ދެއްވި އެވެ. އަދި، ކުނަހަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީ ކުރައްވާނެ ކަމަށާއި އަދި ސްކޫލުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި، މޫސުން ތަންދިނުމުން ބޭނުންވާ ސާމާނު ގެނެސް އަންނަ ދިރާސީ އަހަރަށް އެ މަސައްކަތް ފެނަކައިން ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކި ރައްޔިތުން ވަނީ، މިއީ 1978 ވަނަ އަހަރުން ފެށިގެން އިންތިޚާބީ ވެރިޔަކު އެރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، ބައްދަލުކުރައްވާ ސަލާމްކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.