ކުރިއަށް އޮތީ ރައްޔިތުންގެ އަތްމަތި މުއްސަނދިވާނެ ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޮނަދޫ ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލުތައް ހުރީ ފުނިޖެހިފައި ކަމަށާއި މި ހުރިހާ ފައިސާއެއް ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްތެރޭ އަދާކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މި ސަރުކާރުން މިކަންކަން ކުރަމުންދަނީ ވައުދުވެފައިވާ ގޮތަށް ފައިސާ ޗާޕުނުކޮށް ކަމަށާއި އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިގްތިސާދުތައް ކުރިއެރުވުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ އެތައް ކުންފުންޏަކަށް ސަރުކާރުގެ މަސައްކަތްތައް ލިބިގެންދާނެ ކަމަށާއި މި ހުރިހާ ކަމެއްވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ހަމަޖައްސަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކުރިއަށް އޮތް މަދު ދުވަސްކޮޅު ވެގެންދާނީ، މިފަދަ ގިނަ ކަންތައްތަކެއް ހަމަޖެހި، އަތްމަތި މުއްސަނދިވެގެންދާ ދުވަސްތަކެއް އިރާދަކުރެވިއްޔާ. އަތްމަތި ތަނަވަސްވާ ދުވަސްތަކެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މި ކަންކަން ސަރުކާރުން ކުރަމުން ދިޔުމަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކަމަށާއި އެކަންކަން ސަރުކާރުން ފުއްދައިދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އެކަންކަން ކުރެވެނީ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަހިވެގެންދާތީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.