ވަކިވަކި ކައުންސިލްތައް އުފައްދަން ނިންމައިފި ނަމަ، އައްޑޫ ސިޓީ ފޭދޫ އާއި ހުޅުދޫ އަދި މީދޫއަށް ވަކި ބަޖެޓަކާއި މާލީ އެހީވެސް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގައި ނަގަނީ ސަރުކާރުން ބޭނުންވާ ވަކި ނަތީޖާއެއް އޮތް ވޯޓެއް ނޫން ކަމަށާއި ފޭދޫ އާއި މީދޫ އަދި ހުޅުދޫގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ދިނުމުން ނިމުނީ ކަމަށެވެ.
"އަޅުގަނޑު މިކުރާ ކަމަކީ އަޅުގަނޑު ވީ ވައުދެއް ފުއްދަނީ މި. ރިޔާސީ އިންތިހާބުގައި މި ދެންނެވި ތިން ރަށުގެ ރައްޔިތުންގެ ކިބައިން އަޅުގަނޑަށް އައީ ވަކި ކައުންސިލްތަކެއް އުފެއްދުމުގެ ކަންތަކުގައި ތިމަންނަމެންނަށް ހައްލެއް ގެނެސްދޭށޭ. އަޅުގަނޑު ދެންނެވީ ދާއިމީ ހައްލެއް މިކަމުގައި ގެނެސްދޭން މަސައްކަތްކޮށްދޭނަމޭ. އަޅުގަނޑަށް އެކަން ކުރެވޭނީ ރައްޔިތުންގެ ގާތު އަހައިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ސަރުކާރުން ތާއީދުކޮށް އެއްބާރުލުންދޭނެ ކަމަށާއި ބައެއް ފަރާތްތަކުން މިކަމުގައި ހަގީގަތް އޮޅުވާލަން ކަންކަން ފާހަގަކުރަމުންދާ ކަމަށެވެ.
އަދި ވަކިވަކި ކައުންސިލްތަކެއް އުފެދިއްޖެ ނަމަ ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތަކާއި ވަކި ބަޖެޓެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވަކި ކައުންސިލެއް ހަދަން ރައްޔިތުން ނިންމައިފިނަމަ މިހާރު އޮތް އުސޫލުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ދޫކުރާ މާލީ އެހީގެ ގޮތުގައި ފޭދޫއަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ، ހުޅުދޫއަށް ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަން ރުފިޔާ އަދި މީދޫއަށް 18 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިކަންކަން ސާފުކޮށްދިނީ ބައެއް ފަރާތްތަކުން ހަގީގަތް ނޭނގި ތިބެ އެކި ކަހަލަ ވާހަކަތައް ދައްކަމުންދާތީ އާއި ރައްޔިތުންނަށް ކަންކަން ބަޔާންކޮށްދިނުމަކީ އެމަނިކުފާނުގެ މައްޗަށް ވެސް އޮތް ޒިންމާއަކަށް ވާތީ ކަމަށްވެސް ވިދާޅުވެފަ އެވެ