Last Updated: June 8, 14:27
Monday, June 8, 2026
މުނިފޫހިފިލުވުން

އެކްޓަރު އާސްރާނީ މަރުވެއްޖެ

ކޮމެޑީ ރޯލުތަކުން ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު އާސްރާނީ މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 84 އަހަރުގެ އެކްޓަރު މަރުވީ ސިއްހީ ހާލަތު ދެރަވެގެންް މުމްބާއީގެ އަރޯގިއާ ނިދީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހަވީރު އެވެ. ރިޕޯޓްތައް ބުނާ ގޮތުން އުމުރުން ދުވަސްވުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އާސްރާނީ އަށް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެފައި އެވެ.

މިހާތަނަށް 350 އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ސެލްޓެމްބަރު މަހު ގެނެސްދިން މަޝްހޫރު ބަތަލާ ކާޖޮލްގެ ސީރީޒް "ދަ ޓްރަޔަލް" ގެ ސީޒަން ދޭކުންނެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން ގުޖްރާތީ ސިނަމާގައި ވެސް މަސައްކަތްކޮށްފައިވާ އާސްރާނީގެ ހިންދީ ފިލްމުތަކުގެ ތެރެއިން 1975 ގެ "ޝޯލޭ" ގައި އޭނަ ކުޅުނު މަޖާ ޖަލު އޮފިސަރުގެ ރޯލަކީ އާންމުންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ރޯލެކެވެ.

އާސްރާނީ އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 1979 ގެ "ސަލާމް މޭމްސާބް"، 1992 ގެ "ދިލް ހީ ތޯ ހޭ" އަދި 1997 ގެ "އުޅާން" ހިމެނެ އެވެ.

އާސްރާނީގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅު ކުރަމުންނެވެ. އެގޮތުން ފިލްމީ ފަންނާނުންގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް އާސްރާނީގެ ހަނދާންތައް ސޯޝަލް މީޑިއާގައި އާކުރައްވާފައިވެ އެވެ.