Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

އެއްވެސް ވައުދެއް ނުފުއްދާ ދޫކޮށް ނުލާނަން: ރައީސް

ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދާ ދޫކޮށް ނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޮނަދޫ ވަޑައިގެން އެރަށު ރައްޔިތުންނާއެކު ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލުތައް ފަސް ހަފްތާތެރޭ ދައްކައި ނިންމާނެ ކަމަށް މި މަހުގެ ކުރީކޮޅު ވިދާޅުވި ކަމަށާއި އެގޮތުން މިހާރު އެ މުއްދަތު ހަމަވާން ބާކީ ކުޑަ ދުވަސްކޮޅެއް އޮތްއިރު އެކަމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ވީ އެއްވެސް ވައުދެއް، އަޅުގަނޑު ދުލެއް ނުކޮށްލާނަން ނުފުއްދައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާ ކަމަށާއި އަދި ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ފިލުވައިދެމުން ކަމަށެވެ. އަދި ސަރުކާރުން މިކަންކަން ކުރަމުންދަނީ ވައުދުވެފައިވާ ގޮތަށް ފައިސާ ޗާޕުނުކޮށް ކަމަށާއި ސަރުކާރުން ވައުދު ވަނީ ވައުދު ފުއްދުމުގެ ގޮތުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ވައުދު ވަނީ ފުއްދޭނެ ކަމުގެ ޔަގީންކަމާއެކީގައި. ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަނީ އެ އަޒުމުގައި. އެ ގަބޫލުކުރުން ފުރިހަމައަށް ގަބޫލުކުރައްވައިގެން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ފަތުވެރިކަމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އެތައް މަސައްކަތެއް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތަކެއް ލިބި، ކުރިއަށް އޮތީ ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެ ދުވަސްތަކެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.