Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ހުޅުދޫ ރައްޔިތުން ނިންމާ ގޮތަކަށް އިހްތިރާމު ކުރާނަން

އައްޑޫ ހުޅުދޫގައި ވަކި ރަށު ކައުންސިލެއް ހަދަން ފެނޭތޯ އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓްގައި މެޖޯރިޓީ ނިންމާ ގޮތަކަށް އިހުތިރާމު ކުރާނެ ކަމަށް އެ އަވަށު ކައުންސިލަރުން ހުސައިން ފައިޒުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ސިޓީ ބައިބައި ކުރަން ތާއީދު ނުކުރައްވާކަން ކުރިން ހާމަކުރައްވާފައިވާ ކައުންސިލަރު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އޭނަގެ އަމިއްލަ ވިސްނުމާ އެއްގޮތަށް އަދި އެއާ ހިލާފަށް ރައްޔިިތުން ނިންމާ ގޮތަކަށް ކަމަށް ވިޔަސް އެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށެވެ.

ފައިޒް ވިދާޅުވީ ހިޔާލު ތަފާވުމަކީ ދެބަސްވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މި ވޯޓަށް ކެމްޕޭން ކުރާ ނަމަ އެކަން ވެސް ކުރަން ވާނީ އެއް ބަޔަކު އަނެއް ބަޔަކަށް އަދަބު އިހުތިރާމުކޮށްގެން ކަމަށެވެ.

"[އެހެންވެ] ފުންކޮށް ވިސްނުމަށް ފަހު ހިނިތިވުންވުމާ އެކު ގޮސް [ކޮންމެ މީހަކު ވެސް] ވޯޓް ލާންވީ." އޭނަ ވިދާޅުވި އެވެ. "ވޯޓަކީ ޒިންމާއެއް."

ފައިޒް ވިދާޅުވީ އަބަދު ވެސް އެދިވަޑައިގަންނަވަނީ ހުޅުދުއަށާއި އެ އަވަށަށް ވެސް ކުރިއެރުން ކަމަށެވެ.

"ހުޅުދޫ ވިޔަސް މީދޫ ވިޔަސް އަދި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މީހުން ކަމަށް ވިޔަސް ޑީސެންސީ ހިފަހައްޓައިގެން ކުރިއަށް ދިޔައި ހުންނާނީ ރަނގަޅަށް،" ފައިޒް ވިދާޅުވި އެވެ. "ވޯޓްލާން ގިނަ މީހުން ނުކުތުމަކީ އަޅުގަނޑުގެ އެދުމެއް."

ރަށު ކައުންސިލް ހަދަން ފެނޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ހޮނިހިރު ދުވަހު ނަގާނީ ހުޅުދޫގެ އިތުރުން އެ އަވަށާ އެއްފަސްކޮށް އަންނަ މީދޫގެ އިތުރުން އައްޑޫގައި ގުޅިފައިވާ އަނެއް ހަތަރު އަވަށުގެ ތެރެއިން ފޭދޫގަ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި މި ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބޭ އިރު ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.