ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް އަވަހަށް އަދި ފަސޭހަކަމާއެކު ފޯރުކޮށްޓަކައި ރަށު ކައުންސިލެއް ވަރަށް ވެސް މުހިއްމުވާ ކަމަށް އައްޑޫ މީދޫ ކައުންސިލަރު އައިމިނަތު ސާލިއާ ވިދާޅުވެއްޖެ އެވެ.
މީދޫގައި ރަށު ކައުންސިލެއް ހަދަން ވަރަށް ބޮޑަށް ތާއީދު ކުރައްވަމުން ގެންދަވާ ކައުންސިލަރު މިއަދު ވިދާޅުވީ ރަށު ކައުންސިލްތަކުގެ ބާރަކީ ކޮންމެހެން ވެސް ބޭނުންވާ މުހިއްމު ކަމެއް ކަމަށެވެ.
"ލާމަރުކަޒީ ނިޒާމުގެ ދަށުން، އިތުރު ބާރުތަކާއި މިނިވަންކަން ލިބިގެން ދިޔުމަކީ، ރައްޔިތުންގެ ބޭނުންތަކާއި އެދުންތަކަށް ވަގުތުން ތަބާވެ، އެފަދަ ޚިދުމަތްތައް ފަސޭހައިން ލިބިގަތުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް." ސާލިހާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މީގެ ސަބަބުން އިދާރީ ހުރަސްތައް ކުޑަވެ، ޚިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ވެސް އަންނާނެ ކަމަށެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބަލަން ފެންނަ ނުފެންނަ ވޯޓް ނަގަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ތިިން އަވަށަކީ މީދު އާއި ހުޅުދޫ އަދި ފޭދު އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި މި ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބޭ އިރު ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.