Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ކައްދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ފަށައިފި

ލ. ކައްދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އެގޮތުން މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ރައީސެވެ. ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރު ވަޒީރު މޫސާ ޒަމީރެވެ.

އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރާއި، ފޮނަދޫ ދާއިރާގެ މެމްބަރުގެ އިތުރުން ފޮނަދޫ ކައުންސިލް ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.

ކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން 2،800 މީޓަރުގެ ދިގު ރަންވޭއެއް ވެސް ހަދާނެ އެވެ. އެގޮތުން ތަރައްޤީކުރާ އެއާޕޯޓު މަޝްރޫޢަށް ބޭނުންވާ 144 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މީގެތެރެއިން 114 ހެކްޓަރަކީ އެއާޕޯޓަށް ބޭނުންވާ ބިން ކަމަށާއި، އަނެއް 30 ހެކްޓަރުގެ ބިމަކީ ފޮނަދޫގެ ތަރައްޤީއަށް ބޭނުންވާ ބިމެވެ.

ސަރުކާރުގެ އަމާޒަކީ، ކައްދޫ އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށް އޮތް 3 އަހަރުގެތެރޭގައި ނިންމުމެވެ.