ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ލ. ހުޅިމެންދޫގައި ހަދާ ރިސޯޓާއި ހޮޓެލް ސްކޫލްގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މާމެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގަ އެވެ.
އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރަހީމާ އަބްދުއްރަހީމެވެ.
ހުޅިމެންދޫގައި ރިސޯޓެއްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީންކޮށް ކިޔަވައިދޭން ޓްރެއިނިން ސްކޫލެއް ހަދަން އެމްއެންޔޫއާ ހަވާލުކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހު އެވެ.
މާމެންދޫ ޖަލްސާގައި ރައީސް ވިދާޅުވީ، ހުޅިމެންދޫގައި ތަރައްގީކުރާ 5 ތަރީގެ ރިސޯޓާއި ހޮޓެލް ސްކޫލަކާއެކު ލ. މާމެންދޫ ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި ކުރަން ބޭނުންވާ ރައްޔިތުންނަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ވިދާޅުވި އެވެ.