މި އަހަރުތެރޭ 63 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން 63 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެންނާނެ ކަމަށާއި މި އެމްބިއުލާންސްތައް ފޮނުވާނީ އެމްބިއުލާންސް ހަލާކުވެފައި ނުވަތަ އެކި ކަހަލަ މައްސަލަތައް ދިމާވެފައި ހުރި ރަށްތަކަށް ކަމަށެވެ.
ސިއްހީ ދާއިރާއަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ދާއިރާއެއް ކަމަށާއި އެއީ މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި އެންމެ މަތީގައި އުޅޭ އެއް ދާއިރާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސިއްހީ ހިދުމަތް ވަރުގަދަ ކުރުމަށްޓަކާ އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ އިންވެސްޓް އެބަކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ދަނބިދޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަރަށް އަވަހަށް ޖަނެރޭޓަރެއް އެ ރަށަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ދަނބިދޫއަށް ކުރިމަތިވެފައިވާ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމާއެކު މަގު ހެދުމުގެ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެއިތުރުން އެރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްގީ ކުރުމަށް މިއަހަރުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވި އެވެ.