ބަތަލާ ޖާންވީ ކަޕޫރާ އެކު ޓައިގާ ޝްރޮފް ކުޅޭ ފުރަތަމަ ފިލްމުގައި ވަރުގަދަ އެކްޝަން ތަރި ކުޅޭނީ ވަރަށް "ޑާކް" ކެރެކްޓާއެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ މި ވަރުގަދަ އެކްޝަން ޑްރާމާގެ ނަމަކީ "ލަގް ޖާ ގަލޭ" އެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާ އެވެ. އޭނަ އަކީ ދަރުމާގެ "ގުޑް ނިއުސް" އާއި "ޖުގް ޖުގް ޖިއޯ" ގެ އިތުރުން "ސެލްފީ" ގެނެސްދިން ޑައިރެކްޓަރެވެ.
"ލަގް ޖާ ގަލޭ" ގެ ކާސްޓްގައި އަރަމުން އަންނަ ޒުވާން އާ އެކްޓަރު ލަކްޝް ލަލްވާނީ ވެސް ހިމެނެ އެވެ.
މިއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ދަރުމާ އިން އަދި ހިއްސާނުކުރި ނަމަވެސް މިޑް-ޑޭ އިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގައި ޓައިގާގެ ރޯލު ވަރަށް ތަފާތު ވާނެ އެވެ. އެގޮތުން އޭނަގެ ކެރެކްޓާ އަކީ "ޑާކް" އަދި "އެންޓި-ހީރޯ" ރޯލެއް ކަމަށް އެ ނޫހުން ބުންޏެވެ. އެހެންވެ މިއީ ކެރިއަރުގައި ޓައިގާ އަށް މުޅިން އާ ތަޖުރިބާއަކަށް ވާނެ ކަމަށް ވެސް މިޑް-ޑޭ އިން ބުންޏެވެ.
އެ ނޫހުން ބުނި ގޮތުގައި "ލަގް ޖާ ގަލޭ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާތީ އެކަމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ބާގީ 4" އެވެ. ޖާންވީ އެންމެ ފަހުން ފެނިފައި ވަނީ މި މަހު ރިލީޒްކުރި "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އިންނެވެ. ދަރްމާގެ މިދިޔަ އަހަރުގެ "ކިލް" އިން ތައާރަފުވި ލަކްޝްގެ އެންމެ ފަހުގެ މަަސައްކަތަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ގެނެސްދިން ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އެވެ.