Last Updated: June 8, 12:02
Monday, June 8, 2026
ދުނިޔެ

ކުރައްޕެއް މަރާލަން އުޅެގެން އެޕާޓްމަންޓްގައި ރޯވެއްޖެ

ކުރައްޕެއް މަރާލަން އަލިފާން ބޭނުން ކުރުމުން އެޕާޓްމަންޓްގައި ރޯވެ، އެ ހާދިސާއާ ގުޅިގެން މީހަކު ވެސް މަރުވި މައްސަލައެއްގައި ދެކުނު ކޮރެއާގެ އަންހެނަކަށް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ދެކުނު ކޮރެއާގެ އޮސާންގައި ހިނގި މި ހާދިސާގައި މަރުވީ ރޯވި ފަސް ވަނަ ބުރީގެ އެޕާޓްމަންޓާ އިންވެގެން ހުރި އެޕާޓްމަންޓްގައި އުޅުނު އަންހެނެކެވެ. ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ މަރުވީ ރޯވި އެޕާޓްމަންޓުން އަލިފާނާއި ދުމުގެ އަސަރު ކުރުމުން ސަލާމަތްވާން ފިރިމީހާ އާއި ދެ މަހުގެ ދަރިފުޅާ އެކު މަސައްކަތް ކުރަނިކޮށް ކުޑަދޮރަކުން ވެއްޓި ލިބުނު އަނިޔާތަކަކާ ގުޅިގެންނެވެ.

މި ހާދިސާގައި އިތުރު 8 މީހަކަށް ވެސް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

ކުރަފި މަރާލަން އުޅުނު އަންހެން މީހާ ފުލުހުން ގާތު ބުނެފައި ވަނީ އެޕާޓްމަންޓްގައި ރޯވީ ކުރަފި މަރާލަން އަލިފާން ހިފާ ސްޕްރޭ ޖަހައި، ލައިޓަރަކުން އެއަށް އަލިފާން ފޮނުވުމުން ކަމަށެވެ. އޭނަ ވަނީ ކުރިން ވެސް އެފަދަ ގޮތްގޮތަށް ކުރަފި މަރާ ކަމަށް ބުނެފަ އެވެ.

މި ހާދިސާއާ ގުޅިގެން އުމުރުން 20 ގެ އަހަރުތައް ގުނަމުން އަންނަ މީހާގެ މައްޗަށް ދެ ދައުވާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އެއީ އަލިފާން ރޯވެދާނެ ފަދަ އަމަލެއް ހިންގުމާއި އިހުމާލުން މީހެއްގެ ފުރާނަ ގެއްލިގެން ދިއުމުގެ ދައުވާ އެވެ.