Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ގަމު ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބުމުގެ ހިދުމަތް ގާއިމުކޮށް ނިމިފައިވާ ކަމަށާއި މިއަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރާނެކަން މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާނެ ކަމަށެވެ.

"އޭގެ ގާތްގަނޑަކަށް ދެ މަސް ކުރިން އެކަން އަޅުގަނޑުމެންނަށް ކޮށް ނިންމިގެން މިދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ހިދުމަތްދޭ އޮތީ އެންމެ 17 ރަށް ކަމަށާއި ދެން ހުރި ރަށްތަކުގައި ހިދުމަތްދެނީ ކައުންސިލްތަކުންނާއި އަދި ކުއްޔަށް ނަގާފައި ހުންނަ އިމާރާތްތަކުގައި ކަމަށެވެ. އޭގެ ސަބަބުން ހިދުމަތް ދިނުމަށް ފުލުހުންނަށް ދަތިތައް ދިމާވެ، ރައްޔިތުންނަށް ވެސް އޭގެއިން ނިކަމެތިކަން ލިބޭ ކަމަށާއި ނަމަވެސް މި ސަރުކާރުން 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އިތުރު 36 ރަށުގައި އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު ޖުމްލަ 99 ރަށުގައި މިހާރު ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މި މަހުގެ ތެރޭގައި އިތުރު 30 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އަޅަން ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަހަރު ނިމޭއިރު ފުލުހުންގެ އާ އިމާރާތް އެޅުމުގެ 138 މަޝްރޫއެއް ހިނގަމުންދާނެ ކަމަށާއި އަދި އަމާޒަކީ މި ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ހިދުމަތްދެވޭ ހިސާބަށް ގެންދިޔުން ކަމަށް ވިދާޅުވި އެވެ.