އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް އިތުރުކުރައްވައި، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސް ވެސް ތަޢާރަފުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ ހިމަނުއްވާނެ ކަމަށެވެ. އަދި ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ މަގުން، ޖުމުލަ 11.7 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކުރުރެއްވުމަށް މަގުފަހިކުރެއްވުމަށްޓަކައި، މީގެ ކުރިން ސަރުކާރުން ހަވާސާކޮށްފައިވާ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމުގެ ގޮތުން، ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ.
މީގެއިތުރުން އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމުލަ 12،000 ރުފިޔާ އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަކީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ.