Last Updated: July 3, 07:48
Friday, July 3, 2026
ޚަބަރު

ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން އީޔޫއާ މަޝްވަރާކުރައްވައިފި

ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން، ޔޫރަޕިއަން ކޮމިޝަނާ ފޯ ފިޝަރީޒް އެންޑް އޯޝަންސް، ކޮސްޓަސް ކާޑިސްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ވިލާތުގެ އިއްތިހާދަށް މަންފާކުރަނިވި ދާއިރާތަކުން، ދެމެހެއްޓެނިވި މަސްވެރިކަމުގެ އާޖުފާޖުތަކާއި ވިޔަފާރި ފުޅާކުރުން ހިމެނޭހެން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ސްޕެޝަލް އެންވޯއީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ސިނާޢަތުގެ ބުރަދަނުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެހެން ފަރާތްތަކާ އެއްހަމައެއްގައި ވާދަކުރުމަށްޓަކައި ބައިނަލްއަޤްވާމީ ބާޒާރުތަކަށް ހަމަހަމަ ފުރުސަތު ލިބިދިނުމުގެ މުހިންމުކަން ފާހަގަކުރެއް ވިއެވެ. އަދި ދެފަރާތުން ވެސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖްކޮށް، ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ވިލާތުގެ އިއްތިހާދާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމް އައުކުރައްވަމުންނެވެ.