Last Updated: July 3, 07:48
Friday, July 3, 2026
ކުޅިވަރު

ޕީއެސްޖީ، ބާސާ އަދި އާސެނަލަށް ބޮޑު މޮޅެއް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީ އާއި ބާސެލޯނާ އަދި އާސެނަލް އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ޕީއެސްޖީ މޮޅުވީ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ މައްޗަށް 7-2 އިން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ހަތްވަނަ މިނެޓްގައި ވިލިއަން ޕަޗޯ ޕީއެސްޖީއަށް ލީޑު ނަގައިދިން އިރު، މެޗުގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެލެއިކްސް ގާސިއާ ވަނީ ލެވަކޫސަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ތިން ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޑެސަޔާ ޑޫއޭ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ކިވިޗާ ކްވަރަސްކޭލިއާ އެވެ.

ދެވަނަ ހާފުގައި ޕީއެސްޖީން އިތުރު ތިން ގޯލު ކާމިޔާބުކުރިއިރު، މި ގޯލުތައް ކާމިޔާބުކޮށްދިނީ ނޫނޯ މެންޑޭސް އާއި އޮސްމާނޭ ޑެމްބެލޭގެ އިތުރުން ވިޓީނިއާ އެވެ. މި މެޗުގައި ލެވަކޫސަން އިން ކާމިޔާބުކުރި ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ގާސިއާ އެވެ.

އާސެނަލް އަމިއްލަ ދަނޑުގައި ރޭ މޮޅުވީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްއާ ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު ގެބްރިއަލް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 64 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އާސެނަލްގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޑެން ފޯވާޑް ވިކްޓަ ޔޮކަރޭސް އެވެ.

ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސްގެ މައްޗަށް ރޭ ކުރި ހޯދީ 6-1 އިންނެވެ. މި މެޗުގައި ތިން ގޯލު ކާމިޔާބުކޮށް ބާސާގެ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި މެޗުގައި މާކަސް ރަޝްފޯޑް ދެ ގޯލު ކާމިޔާބުކުރިއިރު، ބާސާގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ލަމީން ޔަމާލް އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީން ވަނީ 2-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން 3-0 އިން ބެންފީކާގެ މައްޗަށް ކުރި ހޯދިއިރު، ޕީއެސްވީން ވަނީ އިޓަލީގެ ނަޕޯލީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފަ އެވެ.