Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އައްޑޫ ވޯޓް: 800،000ރ. ހަރަދު ވާނެ

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަށް އަށް ލައްކައެއްހާ ރުފިޔާ ހަރަދު ވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އައްޑޫ ފޭދު އާއި މީދު އަދި ހުޅުދު އަށް ހާއްސަކޮށްގެން ނަގާ ވޯޓްގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އީސީން ބުނި މި ވޯޓަށް 700،000-800،000ރ. އާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށެވެ.


އަންނަ ހޮނިހިރުގައި ބާއްވާ ވޯޓަށް ބަހައްޓަނީ ޖުމްލަ 18 ވޯޓް ފޮއްޓެވެ. އެއީ އައްޑޫގައި ބަހައްޓާ 11 ފޮއްޓާއި މާލޭގައި ބަހައްޓާ 7 ފޮއްޓާ އެކީގަ އެވެ. އައްޑޫގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން ފޭދޫގައި ފަސް ފޮށި އަދި މީދު އާއި ހުޅުދޫން ކޮންމެ އަވަށެއްގައި 3 ފޮށި ބަހައްޓާނެ އެވެ.

ހޮނިހިރު ދުވަހު ވޯޓްލުން ފަށާނީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ނިންމާނީ ހަވީރު 4:00 އަށެވެ.

މި ފެންނަ ނުފެންނަ ވޯޓްލުގައި ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ 9،576 މީހަކަށެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބޭ އިރު ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.

އީީސީން ބުނެފައިވާ ގޮތުގައި ވޯޓަށް ޗާޕްކޮށްފައި ވަނީ 9،721 ވޯޓު ކަރުދާހެވެ.

އައްޑޫގައި މި ބާއްވާ ރެފަރެންޑަމަކީ ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ދާދި ފަހުން އެކުލަވާލި ގާނޫނުގެ ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.

އީސީން މި އަންނަނީ ވޯޓަށް ހޭލުންތެރިކަން މިހާރު ވޯޓް ނަގާ ތިން އަވަށަށް ނިސްބަތްވާ މީހުން ހޭލުންތެރި ކުރަން ސެޝަންތަކެއް ވެސް ބާއްވަމުންނެވެ.