Last Updated: June 8, 12:02
Monday, June 8, 2026
މުނިފޫހިފިލުވުން

އަހަރު ނިންމައިލާނީ ޑާކް ރެއިންގެ ފިލްމަކުން

ދާދި ފަހުން އޮލިމްޕަހުގައި ޝޯތައް ނިންމައިލި "އަލިފާން" އަށް ފަހު، ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ ޑިސެންބަރު މަހު ވެސް ބެލުންތެރިންނަށް ފިލްމެއް ގެނެސްދޭން ނިންމައިފި އެވެ.

އަންނަ ހުކުރު ދުވަހުގެ ރަސްމީކޮށް ނަން އިއުލާން ކުރަން ހަމަޖެހިފައިވާ މި ފިލްމު ޕްރީމިއާ ކުރާނީ ޑިސެންބަރު 1 ގައި ކަމަށް ކާމިޔާބު ސްޓޫޑިއޯ އިން ބުންޏެވެ. ޑާކް ރެއިންގެ 39 ވަނަ ޕްރޮޖެކްޓް ގެނެސްދޭން ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރު ވަނީ އެ ސްޓޫޑިއޯގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ހާއްސަ މަސައްކަތެއް ވެސް ހަވާލުކޮށްފަ އެވެ.

އެ މަސައްކަތަކީ ފިލްމަށް ދީފައިވާ ނަން ދިމާކޮށްލައިގެން ޕްރީމިއާ ނައިޓުން ޓިކެޓް ހޯދުމުގެ ފުރުސަތެވެ. އެގޮތުން ޑާކް ރެއިނުން ވަނީ އާ ފިލްމުގެ ނަން ހިމެނޭ ގޮތަށް ތިން ނަމެއް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކޮށް، ނަން ދިމާކުރަން ހުކުރު ދުވަހުގެ ރޭ 7:59 އާ ހަމައަށް ފުރުސަތު ހުޅުވާލައިފަ އެވެ.

އެ ތިން ނަމަކީ "އަލްވަދާއު"، "އުމުރަށް ސަލާން" އަދި "ދެން ލަލަލާ" އެވެ. ފިލްމުގެ ނަން އިއުލާން ކުރާނީ އެރޭ 8:00 ގަ އެވެ.

ޑާކް ރެއިންގެ މި އަހަރުގެ ފުރަތަމަ ފިލްމު ކަމަށްވާ "އަލިފާން" މި މަހުގެ 6 ގައި އޮލިމްޕަހުގައި ޕްރީމިއާކޮށް، ޝޯތައް ދެއްކީ މި މަހުގެ 19 އާ ހަމައަށެވެ.

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ 20 ގައި ޕްރީމިއާކުރި ޔޫސުފް ޝަފީއު ޔޫއްޕެ) ގެ "އިލްޒާމް" އެވެ. މިއީ މި އަހަރު އޮލިމްޕަހުގައި އެޅުވި 6 ވަނަ ފިލްމެވެ.

އަންނަ މަހު ވެސް ދެ ފިލްމެއް އެ ސިނަމާގައި އަޅުވަން އޮތީ ތާވަލުކޮށްފަ އެވެ. އެއީ އަލީ ސީޒަން ޑައިރެޓްކޮށް އަންނަ މަހުގެ 5 ގައި ޕްރީމިއާ ކުރަން ނިންމާފައިވާ ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" އާއި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް އަންނަ މަހުގެ 20 ގައި ގެނެސްދޭ ކްރައިމް ތުރިލާ "ލިލީ" އެވެ.