އައްޑޫ ހިތަދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި ލަސްވަނީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރުގެ ނާގާބިލުކަމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ހިތަދޫ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް ވަނީ އިސްލާމީ މަރުކަޒު ލަސްވަނީ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވާތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެެހެންވެ އެކަން އޮޅުން ފިލުއްވައި ދެއްވަން އެދިވަޑައިގަތުމުން މިނިސްޓަރު "ރުންކުރުވެވަޑައިގެން" ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރާ ކުންފުންޏަށް ފައިސާ ނުދޭ ކަމަށް ބުނާ ވާހަކަ އަކީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އެ މިސްކިތް ނުވަތަ އެ ސެންޓަރު ހަވާލު ކޮށްފައިވާ ކުންފުންޏަށް އެއްވެސް ބިލަކަށް ފައިސާ ނުދައްކައެއް ނޯންނާނެ. ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ، ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ،" އޭނަ ވިދާޅުވި އެވެ. "ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލު ކުރީމާ މަސައްކަތް ލަސްވަމުން ދަނީ."
މިނިސްޓަރުގެ އެ ޖަވާބާއެކު މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެށްޓެވުމުން ޝަހީމް ވަނީ ރުޅި އިސްކުރައްވައި ވަނީ މިނިސްޓްރީން އެއްވެސް ފަރާތަކަށް ދޭން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވި އިރު ވެސް 50 މިލިއަން ރުފިޔާ ނުދައްކައި އޮތް، އިއްޒަތްތެރި މެންބަރު، އަޑު އައްސަވާ ޖަވާބު ސުވާލު ކުރައްވާފައި، ސުވާލުގެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަން ޖެހޭނެ އިއްޒަތްތެރި މެންބަރު، 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ދިޔައީ، ލަދުގަންނަން ޖެހޭނެ ސުވާލުކުރަން." ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މެންބަރުން އަޑު ގަދަ ކުރެއްވުމުން މަޖިލިސް ހޫނުވެ، ބައެއް މެންބަރުންގެ ނަން ވެސް ރިޔާސަތުން އިއްވާފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ރިޔާސާތުގައި ހުންނެވީ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
އައްޑޫ އިސްލާމީ މަރުކަޒުގެ ކޮންޓްރެކްޓަރަކީ ފެޑޯ ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ މާޗް 24، 2023 ގަ އެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 55.52 މިލިއަން ރުފިޔާއަށެވެ.
އެތަނު ބިންގާ އެޅީ ޖުލައި 26، 2023 ގަ އެވެ. އައްޑޫ އިސްލާނީ މަރުކަޒު އިމާރާތް ކުރަނީ ހިތަދޫގައި ކުރިން ފުލުހުންގެ ޓްރެއިނިން ސެންޓަރު ހިންގި ބިމުގަ އެވެ. އެއީ އެލައިޑް އައްޑޫ އޮފީސް ކުރިމައްޗަށްވާ ގޮތަށް އޮތް ބިމެވެ.
ދެ ފަންގިފިލާ ހިމެނޭ އިސްލާމީ މަރުކަޒުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެ އެވެ.