ޔޫތު މިނިސްޓްރީ ހިންގާނެ އިމާރާތެއް ކުއްޔަށް ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޔޫތު މިނިސްޓްރީ ހިންގަން އިމާރާތެއް ބޭނުން ވަނީ 5 އަހަރަށް ކަމަށާއި ކުއްޔަށް ތަނެއް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ހުޅުވާލާފައިވާ އިރު، ރަޖިސްޓްރޭޝަނަށް 500ރ. ދައްކަން ޖެހެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 114،000ރ. ހުށަހަޅަން ޖެހެ އެވެ.
ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށް ބާއްވާނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީލަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް beelan.finance.gov.mv މެދުވެރިކޮށް ކަމަށާއި އެ ނޫން ބީލަންތައް ބަލައި ނުގަންނާނެ ކަމަށެވެ.
ޔޫތު މިނިސްޓްރީ ހިންގަން އިމާރާތެއް ހޯދަން އިއުލާންކުރި އިރު، ސަރުކާރު އޮފީސްތައް ހިންގަން ޖާގައިގެ ދަތިކަން ބޮޑެވެ. މިހާރު ގިނަ މިިނިސްޓްރީތައް ހިންގަނީ ވެލާނާ ބިލްޑިން އާއި ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގުގަ އެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަނދައިި ހުލިވުމާ ގުޅިގެން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އަންނަނީ ދަރުބާރުގޭގަ އެވެ.