މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) ގެ ރިސާޗް ފަންޑުގެ ދަށުން ރިސާޗް ޕްރޮޕޯސަލްތަކަށް ހުޅުވާލައި އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ކޮލަބޮރޭޓިވް ރިސާޗް ގްރާންޓް އަދި ފޮތްގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެއް މިލިއަން ރުފިޔާގެ ފަންޑަކުން ފެށި މި ރިސާޗް ގްރާންޓުތަކުގެ މަޤްޞަދަކީ އިޤްތިޞާދީ ގޮތުންނާއި، މާލީ ގޮތުން އަދި ތަރައްޤީގެ ގޮތުން ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތައް ތަހުލީލީ ނަޒަރަކުން ދެނެގަނެވި އެ މައްސަލަތަކަށް އިޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކުރުމެވެ.
މި ފަންޑު މެދުވެރިކޮށް އެމްއެމްއޭއިން ބޭނުންވަނީ ޤައުމުގެ އިޤްތިޞާދީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި އެކަޑަމިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ދިރާސާކުރާ ފަރާތްތައް އެކުއެކީގައި މާލީ އަދި އިޤްތިޞާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ އަމިއްލަ ފަރުދުންނަށާއި، ތައުލީމީ ދާއިރާގެ ފަރާތްތަކަށާއި، ތިންކް ޓޭންކްތަކަށާއި އަދި އެމްއެމްއޭގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަޖުރިބާކާރު ދިރާސާވެރީންނަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އިންޑިޕެންޑެންޓް ރިސާޗް ގްރާންޓަށް އެދި ހުށަހަޅާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން ހުށަހަޅާ ޓީމްތައް ލީޑް ކުރާ ފަރާތް ވާން ވާނީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮންނަ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި އަދި ގްރާންޓަށް ކުރިމަތިލާ ދާރިސުންގެ ޕީއެޗްޑީ އޮތުމަށް އެމްއެމްއޭއިން ބާރުއަޅާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ކޮލަބްރޭޓިވް ރިސާޗްގެ ކެޓެގަރީން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލް ވާން ޖެހޭނީ އެމްއެމްއޭ މުވައްޒަފުންނާ ގުޅިގެން ހުށަހަޅާ ރިސާޗް ޕްރޮޕޯޒަލްއަކަަށް ކަމަށާއި އަދި އެ ޕްރޮޕޯޒަލްއަކީ އެމްއެމްއޭގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭނެ ހުށަހެޅުމަކަށް ވާންވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެެއެވެ.
ރިސާޗް ގްރާންޓްގެ އިތުރުން، މި ފަންޑުގައި ފޮތް ގްރާންޓްގެ ބައެއް ހިމެނިފައިވެއެވެ. މި ބަޔަށް ކުރިން ފޮތް ޝާއިޢުކޮށްފައިވާ ނުވަތަ އެއާ އެއްފެންވަރުގެ ތަޖުރިބާ ހުރި ފަރުދުންނަށް ނުވަތަ ޓީމުތަކަށް ހުޅުވާލެވިފައިވެއެވެ. އެ ގޮތުން ފޮތްތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެވިދާނެއެވެ. އަދި މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި އިޤްތިޞާދާ ބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، މާލީ ސިޔާސަތުތަކާއި ބެހޭ ދިރާސާތައް ހިމަނައިގެން ތައްޔާރުކުރާ ފޮތްތަކަށްއިސްކަންދެވޭނެކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
ދިރާސާ ޕްރޮޕޯސަލްތަކަށް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި މެކްރޯއިކޮނޮމިކް ސްޓެބިލިޓީއާއި، ފައިސާގެ ސިޔާސަތާއި، މާލީ ދާއިރާގެ ދެމެހެއްޓެނިވިކަމާއި،މޫސުމާއި ދެމެހެއްޓެނިވި ތަރައްޤީއާއި، ޑިޖިޓަލް ފައިނޭންސް އަދި އިންކްލޫޝަންއާއި، އިސްލާމިކް ފައިނޭންސާއި، ތައުލީމީ ދާއިރާއާއި ވަޒީފާގެ ބާޒާރު ހިމެނާފައިވެއެވެ.
ރިސާޗް ގްރާންޓުގެ ދަށުން ހޮވޭ ޕްރޮޕޯޒަލް އަށް ދިރާސާއާ ގުޅުންހުރި ޚަރަދުތައްކުރުމަށްޓަކައި މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އަދި އޭގެ ތެރޭގައި މަޢުލޫމާތު އެއްކުރުމާއި،ފީލްޑްވަރކާއި، ރިސާޗް އެސިސްޓެންސާއި، އަދި ދިރާސާ ޝާއިއުކުރުމުގެ ޚަރަދުތައްހިމެނެއެވެ. އަދި އިތުރަށް ލިބިގެން ދާނެ ފައިދާތަކުގެ ތެރޭގައި ދިރާސާ މަސައްކަތް ޕިއަރ ރިވިއުކުރެވި، އެމްއެމްއޭގެ މުވައްޒަފުންނާއެކު ދިރާސާތައް ޕަބްލިޝްކުރުމަށާއި، އެމްއެމްއޭ ރިސާޗްކޮންފަރެންސް ފަދަ ތަންތަނުގައި ދިރާސާ ހުށަހެޅުމުގެ ފުރުޞަތުތައް ހިމެނެފައިވެއެވެ.
މި ގްރާންޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީއީމެއިލްގެ ޒަރީއާއިން[email protected] އަށެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރޮޕޯސަލްތައް ރިވިއު ކުރުމަށް ހަމަ ޖެހިފައިވަނީ އެމްއެމްއޭގެ އެކަޑަމިކް އެންޑް ޓެކްނިކަލް ރިވިއު ކޮމިޓީންނެވެ. އެ ކޮމިޓީއިން ބަލެމަށް ހަމަޖެހިފައިވަނީ ހުށައެޅިފައިވާ ތީމް ތަކާއި ދިވެހިރާއްޖޭގެ އިޤްތިސާދާ ގުޅުންހުރި މިންވަރާއި ބިނާކުރަނިވި ހިޔާލެއްކަމުގައިވޭތޯ ބަލައި، ދިރާސާކުރުމަށް ބޭނުން ކޮށްފައިވާ އުސޫލުގެ ހަރުދަނާކަމަށާއި، ދިރާސާކުރާ ފަރާތުގެ ނުވަތަ ޓީމްގެ ހުރި ޤާބިލުކަމަށާއި އަދި އެ ދިރާސާއަކުން ސިޔާސަތުތަކަށް އަސަރުކުރާނެ މިންވަރަށެވެ. އެޕްލިކޭޝަންތައް ހުށަހަޅާފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް ކަނޑައެޅުމަށްފަހު ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެފަރާތްތަކަށް އަންގާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.