މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ މި މަހުގެ 31، ގައި ބާއްވާ އެއްވުމަކީ ބޯހިޔާވަހިކަމަށް ހާއްސަ އެއްވުމެއް ކަމަށާއި މިއީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރައިގަންނަމުންދާ އަރައިގަތުން ހުއްޓުވުމަށްޓަކައި ބާއްވާ އެއްވުމަށް ކަމަށެވެ.
އަދި ނޮވެމްބަރު 17، ގައި އޮންނަ ބޮޑު އެއްވުމުގެ ކުރިން ބޯހިޔާވަހިކަމަށް ހާއްސަ ބޮޑު އެއްވުމެއް ބާއްވަން ނިންމީ މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަންބޮޑުވުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ކަމަށް މައުރޫފް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުގައްދަސް ހައްގަކީ ބޯހިޔާވަހިކަމުގެ ހައްގު ކަމަށްވާއިރު، ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމް ކޮށްފައިވާ ހުރިހާ ރައްޔިތުން އަދި މި ސަރުކާރުން ބޯހިޔާވަހިކަމުން މަހުރޫމު ކުރަމުންދާ ހުރިހާ ރައްޔިތުން މި އެއްވުމުގައި ބައިވެރިވުމަށް މައުރޫފް ވަނީ ގޮވާލާފަ އެވެ.