މި ފަހުން މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޓަށް ޓްރެންޑްވި 'ލަބޫބޫ" ބުދުތަކެއް ވަގަށް ނެގި އޮސްޓްރޭލިއާގެ މީހަކަށް ދައުވާކޮށްފި އެވެ.
ފުލުހުން ބުނީ ބުދުތައް ވަގަށް ނެގި 40 އަހަރުގެ ފިރިހެން މީހާގެ އަތުން 43 ބުދު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ އަގު 9،000 އޮސްޓްރޭލިއާ ޑޮލަރު (5،800 އެމެރިކާ ޑޮލަރު) އަށް އަރާ ކަމަށެވެ. ލިމިޓެޑް އެޑިޝަންގެ އެ ބުދުތައް ފެނުނީ އޭނަގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ދިރިއުޅޭ ތަން އިއްޔެ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވިކްޓޯރިއާ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ "ލަބޫބޫ" ބުދުތައް ވަގަށް ނަގާފައި ވަނީ ހަތަރު ފަހަރެއްގެ މަތިން ޝޮޕިން ސެންޓަރުކަން ކަމަށާއި މި ވައްކަންތައް ކޮށްފައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކަމަށެވެ. މި މައްސަލައިގައި އެ މީހާ ހައްޔަރުކޮށް، ތަހުގީގަށް ފަހު މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
އޭނަގެ މައްޗަށް ވަނީ ހަ ދައުވާއެއް އުފުލައިފަ އެވެ. އެއީ ވައްކަން ކުރުމުގެ ދެ ދައުވާއަކާއި ގަވާއިދާ ހިލާފަށް ތަނަކަށް ވަދެ ކުށުގެ އަމަލުތަކެއް ހިންގުމުގެ ހަތަރު ދައުވާއެކެވެ.
މި ދައުވާތަކުގެ ފުރަތަމަ އަޑުއެހުން މެލްބަން މެޖިސްޓްރޭޓް ކޯޓްގައި ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މެއި މަހަށެވެ.
ޗައިނާގެ ރީޓެއިލް ކުންފުންޏެއް ކަމަށްވާ "ޕޮޕް މާޓް" ގެ "ލަބޫބޫ" އަކީ 2019 ގައި ލޯންޗްކުރި އެއްޗެކެވެ.