ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވުމަކީ ހާސިލުކުރެވުނު ބޮޑު ކާމިޔާބީއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
ސީޕީ ނަވީން ވިދާޅުވީ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވުމަކީ މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުލުހުންނަށް ހާސިލުކުރެވުނު ފަހުރުވެރި ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށާއި އަމާން، ފާގަތި މުސްތަގުބަލަކަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާއިރު، މިއަހަރު ނިމޭއިރު ފުލުހުންގެ އާ އިމާރާތް އެޅުމުގެ 138 މަޝްރޫއެއް ހިނގަމުންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އަމާޒަކީ މި ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ހިދުމަތްދެވޭ ހިސާބަށް ގެންދިޔުން ކަމަށް ވިދާޅުވި އެވެ.