Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ސަރުކާރުގެ އަމާޒު މިހާރު ހުރީ ޕެންޝަން ފަންޑު ދޮވެލަން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ސަރުކާރުގެ އަމާޒު މިހާރު ހުރީ ރައްޔިތުންގެ ޕެންޝަން ފަންޑު ދޮވެލުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެއާޕޯޓު ހިންގަން އުފެއްދި އެމްއޭސީއެލް ފުނޑާލައި، މަރުކަޒީ ބޭންކާއި ބީއެމްއެލް އެއްކޮށް ލޫޓުވާލައި ނިންމާލުމަށްފަހު މިހާރު މި ސަރުކާރު އަމާޒު ހިފާފައި ހުރީ ސީދާ ރައްޔިތުންގެ ޕެންޝަން ފަނޑު ދޮވެލުމަށް ކަމަށެވެ. ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އަދި ސަރުކާރު ދެކެ ބިރުން ނުވަތަ ޒާތީ މަންފާއަކަށް ގައުމާއި ރައްޔިތުންނަށް ގެއްލުންދިނުމުގައި ބައިވެރި ވުމަކީ އުޒުރެއް ނޫން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ދިވެހިންގެ މުސްތަގުބަލު ފޭރިގަތުމުގައި ބައިވެރިނުވެ، އެކަމަށް ނޫނެކޭ ބުނަން ނުކެރޭނަމަ އެމްއެމްއޭ އާއި ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ގައުމާއި ރައްޔިތުންނަށް އިއާދަނުކުރެވޭނެ ގެއްލުން ދިނުމުގައި ބައިވެރިވާ ފަރާތްތައް ރައްޔިތުން ނުކުމެ ޖަވާބުދާރީ ކުރުވައި ޒިންމާކުރުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު ޕެންޝަން އޮފީހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެކު ހިންގަން ނިންމި ފައިސާގެ މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ސަރުވަޝް ވިދާޅުވީ އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ އެ ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށްވެސް ވިދާޅުވި އެވެ.