ކުރިއަށް އޮތް ތަނުގައި ފޭދޫ ސިޓީއަކަށް ވެސް ހަދާނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
މި ވޯޓާއި ގުޅިގެން "ރާއްޖެޓީވީ" އިން ބޭއްވި ބަހުސްގައި ވާހަކަދައްކަމުން އައިބީ ވިދާޅުވީ ފޭދޫގައި ރަށު ކައުންސިލެއް އުފެދިއްޖެ ނަމަ، ދައުލަތުގެ ބަޖެޓުން ދޭ އެހީ އާއި އާމްދަނީގެ ގޮތުގައި ފޭދޫން 39 މިލިއަން ރުފިޔާ އުފައްދާނެ ކަމަށާއި އޭރުން ވަކި "މޭޔަރަކަށް" ސަލާންޖަހަން ނުޖެހޭނެ ކަމަށެވެ. އަދި ހިތަދޫ އިން ލިބޭ އާމްދަނީން އައްޑޫގެ އެހެން އަވަށްތައް ތަރައްގީ ކުރުމުގެ އުސޫލު ބަދަލުކުރަންޖެހޭ ކަމަށާއި އޭގެ ސަބަބުން ހިތަދޫއަށް ވެސް ލިބެނީ ނިކަމެތިކަން ކަމަށް އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ހިތަދޫ ކުރިއަށްދާނީ ސިޓީއެއްގެ ގޮތުގައި އޮވެގެން ކަމަށާއި ގާނޫނުގައި ބުނާ އަދަދަށް މީހުން ހަމަވުމުން ފޭދޫ ވެސް ސިޓީއަކަށް ހަދާނެ ކަމަށެވެ.
"އަޅުގަނޑުމެން 10،000 ހަމަވީމަ ވަކި ސިޓީއެއް ހަދާނަން. އަޅުގަނޑުމެންގެ ބިން ވެސް އެބައޮތް، 10،000 ވާނެ އަޅުގަނޑުމެންނަށް ވެސް،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ރާއްޖޭގެ ރަށްތައް ދަނީ ހެސްކިޔާފައި ތަރައްގީވަމުން ކަމަށާއި އައްޑޫ ތަރައްގީ ނުވަނީ އިދާރީ އޮނިގަނޑުގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އަދި އައްޑޫ ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް ގޮސް އެނބުރި އައުމަށްފަހު ކުރެވުނު ކަމެއް ނެތް ކަމަށާއި އައްޑޫގައި އޮންނަން ޖެހޭނީ މޭޔަރުގެ ބަދަލުގައި އައްޑޫ ރައްޔިތުންގެ ވިޝަނެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.