Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

އިސްލާމީ އިޤްތިޞާދު ތަފާތު ވަނީ ކިހިނެއް؟

އިސްލާމީ އިޤްތިޞާދު ތަފާތުވަނީ ކިހިނެއް؟

އިސްލާމް ދީނަކީ ދިރިއުޅުމުގެ ހުރިހާ މައިދާނެއް ވެސް ޝާމިލުވާ ގޮތަށް އައިސްފައިވާ ދީނެއްކަމުން، މާލީ އަދި އިޤްތިޞާދީ ކަންކަން ބައްޓަންކު ރަންވީ ގޮތުގެ އިރުޝާދުތައް ވެސް މިދީނުގައި އައިސްފައިވެ އެވެ. މިގޮތުން އިސްލާމީ އިޤްތިޞާދެއްގެ އޮނިގަނޑު އެކަށައެޅިފައި ވަނީ އިސްލާމީ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމާއި ހޭދަކުރުމާއި އަދި އާމްދަނީ އިތުރު ކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ.

އިސްލާމީ އިޤްތިޞާދަކީ ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު ލިބެނިވި، ވަޒަންހިފަހައްޓައިދޭ ތަރަހައެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ.

ތާރީޚީ ގޮތުން އިސްލާމީ އިޤްތިޞާދު

އެހެން ޢިލްމުތަކެކޭ ވެސް އެއްފަދައިން އިސްލާމީ އިޤްތިޞާދުގެ ވެސް އެންމެ އިސް ދެ މަރުޖިޢަކީ ޤުރުއާނާއި ސުންނަތެވެ. ނިސާ ސޫރަތުގެ ފަސް ވަނަ އާޔަތުގައި މުދަލަކީ ދިރިއުޅުން ހިފަހައްޓައިދޭ ބާރެއްކަމުގައި މާތް ﷲ ވަޙީކުރައްވައިފައިވުމުން މި ދާއިރާގެ މުހިއްމުކަން އަޅުގަނޑުމެންނަށް އެނގިގެންދެ އެވެ.

ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން ވަނީ މި ޢިލްމުގެ ތަފްޞީލުތައް ބަޔާންކޮށް ދެއްވާފަ އެވެ.

އިޤްތިޞާދީ ދާއިރާއިން ކުރެވިފައިވާ އެންމެ ފުރަތަމަ އެއް މަސައްކަތަކީ ޙަނަފީ މަޒުހަބުގެ ޢިލްމުވެރިޔެއް ކަމުގައިވާ އަބޫ ޔޫސުފު ޔަޢުޤޫބު ބިން އިބްރާހިމް ގެ ކިތާބު އަލްޚަރާޖެވެ. މިފޮތް އެކަލޭގެފާނު ލިޔުއްވީ ޚަލީފާ ހާރޫނުއްރަޝީދުގެ އެދިލެއްވުމުގެ މަތިން ސަރުކާރުގެ އާމްދަނީއާއި ޚަރަދުތައް ހަމަޖައްސަންވީ ގޮތުގެ ފިޤްހީ އަތްމަތީފޮތެއްގެ ގޮތުގައެވެ.

މި މަސައްކަތާއި ވިދިގެން ދެން ވެސް އަޅުގަނޑުމެންނަށް ފެންނަން އޮތީ ޙަނަފީ މަޒުހަބުގެ އެހެން އިމާމެއްގެ ފޮތެކެވެ. އެއީ އަލްއިމާމް މުޙައްމަދު ބިން ޙަސަން އަލް ޝައިބާނީ ލިޔުއްވާފައިވާ ކިތާބު އަލް ކަސްބެވެ. މިފޮތަށް ‘ކިތާބު އަލް އިކްތިޞާބް’ މި ނަންވެސް ކިޔެއެވެ. މިއީ އާމްދަނީ ހޯދުމާއި ގުޅޭ މައްސަލަތަކުގެ މައްޗަށް އަލިއަޅުވައިލާ ލިޔެވިފައިވާ ފޮތެކެވެ. މި ފޮތުގައި އަލް ޝައިބާނީ އާމްދަނީ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތައް ހަތަރު ގިންތިއަކަށް ބައްސަވާފައިވެއެވެ. އެއީ:

އަލް އިޖާރާ: މުދަލާއި ބިން ކުއްޔަށް ދިނުމާއި، އަދި އުޖޫރައަށް މަސައްކަތްކުރުން
އަލް ޞިނާޢާ: އެއްޗެހި އުފެއްދުން
އަލް ޒިރާޢާ: ދަނޑުވެރިކަން
އަލް ތިޖާރާ: ވިޔަފާރި

މީގެ އިތުރުން ކޮންމެ މީހަކުވެސް އެ މީހެއްގެ ހުނަރާއި ޝައުޤުވެރިކަމަށް ރިޢާޔަތްކުރުމަށްފަހު، އާމްދަނީހޯދާނެ ޝަރުޢީގޮތުން ހުއްދަ ދާއިރާއެއް ކަނޑައެޅުމަށް އަލް ޝައިބާނީ މިފޮތުގައި ބާރުއަޅުއްވާފައިވެއެވެ.

އޭގެފަހުން އިމާމް އަބޫ ޢުބައިދު އަލް ޤާސިމް ވަނީ ކިތާބު އަލްއަމްވާލް ގެ ނަމުގައި މާލިއްޔަތާއި އަދި އިޤްތިޞާދާއި ގުޅޭ ޙަދީޘްތަކާއި ސަލަފުންގެ އާޘާރުތައް ޖަމާކޮށް ‘އެކުވެންޏެއް’ (compendium) އެކުލަވާލައިފަ އެވެ.

އިސްލާމީ އިޤްތިޞާދު ވަކި ޢިލްމެއް ގޮތަށް ކިޔެވެން ފެށުނުތާ އަށެއްކަ ދަހަވެފައިވާ އިރު، މި ދާއިރާ އަށް މުސްލިމުންނެކޭ އެއްފަދައިން ޣައިރު މުސްލިމުންވެސް ޝައުޤުވެރިވެއެވެ. 2008 ގެ އިގްތިޞާދީ ކާރިސާއިން އުފެދުނު ރާޅުބާނިތައް ހުޅަނގުގެ ޤައުމުތަކަށް ހޮޅިލާ ބިންދަމުން ދިޔަ އިރު، އޭގެ އަސަރު އިސްލާމީ އިޤްތިޞާދުގެ އެކަށީގެންވާ ވަރަކަށް ތަންފީޒު ކުރެވިފައިވާ ޤައުމުތަކަށް ކުރީ ވަރަށް ކުޑަކޮށެވެ.

މަސްދަރު: އިލްމު.އެމްވީ