Last Updated: June 8, 12:02
Monday, June 8, 2026
މުނިފޫހިފިލުވުން

'ކިޔު ކީ ސާސް ބީ 2' ގައި ބިލް ގޭޓްސް!

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ މަގުބޫލު ސިލްސިލާ "ކިޔު ކީ ސާސް ބީ ކަބީ ބަހޫތީ" ސީޒަން ދޭއްގެ ފެނިލުމެއްގައި މަޝްހޫރު މަހުޖަނު ބިލް ގޭޓްސް ހިއްސާވެއްޖެ އެވެ.

އިންޑިއާގެ ސިޔާސީ ދާއިރާގައި ވެސް މަސައްކަތްކުރާ ސުމިރްތީ އިރާނީ ލީޑްގައި ހިއްސާވާ މި ސިލްސިލާގެ ވާހަކަ މިހާރު މައިގަނޑު ގޮތެއްގައި ފޯކަސްކޮށްފައި އޮތީ މާބަނޑުވުމާއި އަލަށް ވިހާ ދަރިންގެ ސިއްހަތަގެ މައްޗަށަވެ. އެގޮތުން އެކަމަށް ހާއްސަކޮށްގެން ސިލްސިލާގެ އެޕިސޯޑްތަކެއް ގެނެސްދެމުން އަންނަ އިރު، ގޭޓްސް މީގައި ހިއްސާކޮށް، އޭނަ ފެންނަ ޕްރޮމޯއެއް ވެސް ސްޓާ ޕްލަސް އާންމުކޮށްފައިވެ އެވެ.

އޭގައި ފެންނަނީ ވީޑިއޯ ކޯލަކުން ގޭޓްސް އާއި ސުމިރްތީ ވާހަކަތަކެއް ދައްކާ ތަނެވެ. ގޭޓްސް މީގައި ހިއްސާ ކުރަން ނިންމި ސަބަބަކީ އޭނަ އާއި ކުރީގެ އަންހެނުން މެލިންޑާ ހިއްސާވާ ފައުންޑޭޝަން، "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން" އަކީ ވެސް އަންހެނުންނާ ގުޅުން ހުރި ވަރަށް ގިނަ އިޝޫތަކާ ގުޅޭ ގޮތުން ވަކާލާތުކޮށް، އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ކަމަށް ހިލޭ ސާބަހަށް ބޮޑެތި ހޭދަތަކެއް ވެސް ކުރަމުން އަންނަ ފައުންޑޭޝަނަކަށްވާތީ އެވެ.

އެހެންވެ "ކިޔު ކީ ސާސް ބީ ކަބީ ބަހޫތީ" ގެ ސީޒަން ދޭއްގައި ގޭޓްސްގެ ބައިވެރުމެއް ހިމެނީ ސިލްސިލާގެ ޕްލޮޓް މިހާރު އެނބުރޭ އިޝޫތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ވެސް ހޯދުމެވެ.

މިކަމާ ގުޅޭ ގޮތުން ސުމިރްތީ ބުނީ އޭނަގެ ސިލްސިލާގައި ގޭޓްސް ހިއްސާވުމަކީ ވަރަށް ތާރީހީ އަދި އެހާމެ ބޮޑު ޝަރަފެއް ވެސް ކަމަށެވެ.

"މިއީ މިފަދަ ފިކްޝަނަލް ޕްލެޓްފޯމެއްގައި ގޭޓްސް ބައިވެރިވާ ފުރަތަމަ ފަހަަރަށް ވެސް ވުމާ އެކު އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް." ކުރިން މިނިސްޓަރުކަން ވެސްކޮށްފައިވާ ސުމިރްތީ ބުންޏެވެ. "އޭނަ މިކަމަށްޓަކައި ވަގުތުކޮޅެއް ހުސްކޮށް ދިނީތީ ޝުކުރު ވެސް އަދާކުރަން."

"ކިޔޫ ކީ ސާސް ބީ ކަބީ ބަހޫތީ" ސީޒަން ދޭއް ސްޓާ ޕްލަސް އިން ދައްކަމުން އަންނަނީ މިދިޔަ ޖުލައި މަހުގެ 29 އިން ފެށިގެންނެވެ. މި ސިލްސިލާ އަކީ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބާލާޖީގެ އުފެއްދުމެކެވެ.