Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އާ މީޑިއާ ކޮމިޝަނަށް އެސްޖީއެއް ހޯދަނީ

ނޫސްވެރިންތަކެއް ޕްރެސްއެއްގައި.

މި ސަރުކާރުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅުވާލައިފި އެވެ.

އެ މަގާމުގެ ޝަރުތުހެ މައިގަނޑު ޝަރުތަކީ ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

މީގެ އިތުރުން އެސްޖީގެ މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވާން ޖެހޭނެ އެވެ. އަދި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުން އަންނަ މީހަކަށްވެގެން ނުވާނެ އެވެ.

އެސްޖީގެ އަސާސީ މުސާރަ އަކީ މަހަކު 20،500ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބޭނެެ އެވެ.

އެސްޖީގެ ދައުރަކީ ފަސް އަހަރެވެ.

އެހެންވެ އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވަނީ 7 މެންބަރުންނެވެ. އެއީ މީޑިއާތައް ތަމްސީލުވާ ގޮތަށް އިންތިހާބުކުރާ ހަތަރު މެންބަރަކާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނެވެ.

މަޖިލީހުން ކޮމިޝަނަށް އައްޔަންކޮށްފައި ވަނީ ސަފާ ޝަފީގާއި އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މުހައްމަދު ފަރުޝަތަށެވެ. އޮންލައިން ކެޓަގަރީން ކޮމިޝަންގައި ހިމެނެނީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާހާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ހުސައިން ސަގީފްގެ އިތުރުން ބްރޯޑްކާސްޓިން ކެޓަގަރީން ހޮވުނު ށ. ފޭދޫ، މޫނިމާގެ، އަބްދުލްއަޒީޒް އިބްރާހީމާއި ތިނަދޫ، މަލަ، ޒަމްއަތު އަހުމަދު ވަހީދެވެ.