ބޮލީވުޑްގެ ކާމިޔާބު ސްޓޫޑިއޯ މެޑޮކް ފިލްމްސްގެ ހޮރޯ ކޮމެޑީ ޔުނިވާސް (އެޗްސީޔޫ) އަށް ނިސްބަތްވާ އާ ފިލްމު "ޝަކްތީ ޝާލިނީ" ގެ ބަތަލާ އަކީ ދާދި ފަހުން ރިލީޒްކޮށް، ބޮޑު މަގުބޫލު ކަމެއް ހޯދި "ސައްޔާރާ" ގެ ބަތަލާ އަނީޔތު ޕައްޑާކަން ކަށަވަރުކޮށް ދީފި އެވެ.
އެ ސްޓޫޑިއޯގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަމަރު ކޯޝިކް ބޮލީވުޑަށް ހަންގާމާ އިން ދިން އިންޓަވިއުއެއްގައި ބުނީ 23 އަހަރުގެ އުންމީދީ ބަތަލާ ފިލްމަށް ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.
"އަހަރެމެންގެ ޓީމުން ސައްޔާރާ ބެލުމަށް ފަހު، އޭގައި އަނީތު ދެއްކި ހުނަރު މޮޅުކަމުން ޝަކްތީ ޝާލިނީ އަށް ނަގަން ނިންމީ،" އިސްތިރީ ފަދަ މަގުބޫލު ފިލްމުތަކުގެ ޑައިރެކްޓަރު ބުންޏެވެ. "މީގެ ސްކްރިޕްޓް ލިޔުނު އިރު ވެސް ފޯކަސް ހުރީ ވަރަށް ޒުވާން ބަތަލާއަކާ އެކު ފިލްމު ހަދަން. އަނީތަކީ ޝަކްތީ ޝާލިނީ އަށް ވަރަށް ބޮޑަށް ފިޓްވާ ބަތަލާއެއް."
އަމަރު ބުނީ އެ ފިލްމު ޑައިރެކްޓްކުރާނެ މީހަކު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ބުންޏެވެ.
"ޝަކްތީ ޝާލިނީ" ސިނާމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޑިސެމްބަރު 24 ގަ އެވެ.

މި ފިލްމުގެ ބަތަލާއަކަށް ކުރިން ނަގަން ނިންމީ ކިއާރާ އަދުވާނީ އެވެ. ނަމަވެސް އޭނަ އަށް މެޑޮކްގެ އެހެން ފިލްމަށް ދޭ ގޮތަށް ކާސްޓް ބަދަލުކުރީ އެވެ.
"ޝަކްތީ ޝާލިނީ" އަށް އަނީތު ނެގި އިރު، އޭނަ މަޝްހޫރުވެގެން ދިޔަ "ސައްޔާރާ" އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ރޮމޭންޓިކް ކޮމެޑީއަކަށް ސޮއިކޮށްފައިވާ ކަމަށް ވެސް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަންނަ އަހަރު ޝޫޓިން ފަށާ އެ ފިލްމުގެ ޑައިރެކްޓަރަކީ މަނީޝް ޝަރުމާ ކަމަށްވެ އެވެ.
ނަމަވެސް އެއާ ބެހޭ މައުލޫމާތެއް ވައިއާފްއެފުން އަދި ހާމައެެއް ނުކުރެ އެވެ.
މެޑޮކްގެ "އެޗްސީޔޫ" ގެ ދަށުން އެންމެ ފަހުން ގެނެސްދިން ދިން ފިލްމަކީ އަންގާރަ ދުވަހު ރިލީޒްކުރި "ތާމާ" އެވެ. މިއީ އަޔޫޝްމަން ކްރާނާ ވެމްޕަޔާއެއްގެ ރޯލު ކުޅެފައިވާ ފިލްމެކެވެ. "އެޗްއެމްޔޫ" އަށް ނިސްބަތްވާ ފިލްމުތަކުގެ ތެރޭގައި ޝްރަދާ ކަޕޫރްގެ "އިސްތިރީ" އާއި ވަރޫން ދަވަންގެ "ބޭޅިޔާ" ގެ އިތުރުން އަބޭ ވަރުމާގެ "މުންޖިއާ" ހިމެނެ އެވެ.