Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުސަތު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ފަރުސަތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އޭނަ އަކީ މި ސަރުކާރުން އުފެއްދި މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑައެޅި ތިން މެންބަރުންގެ ތެރެއިން އެކެކެވެ.

ފަރުސަތު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް އެދި ކޮމިޓީން ފާސްކުރީ އެ ކޮމިޝަނަށް މިހާރު އައްޔަން ކޮށްފައިވާ މެންބަރުންނާ މިއަދު ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ 7 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުގެ ގޮތުގައި އިންތިހާބީ ހަތަރު މެންބަރުންނެވެ.

ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި ތިން މެންބަރުންނަކީ ފަރުސަތާއި ސަފާ ޝަފީގުގެ އިތުރުން އައިމިނަތު ސަރާހަތު އިއްޒަތެވެ.،
ކޮމިޝަނުގައި ހިމެނޭ އިންތިހާބީ މެންބަރުންނަކީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމްގެ އިތުރުން
ހުސައިން ސަގީފެވެ.