Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

އައްޑޫ ވޯޓު ގާނޫނުއަސާސީއާ ހިލާފު: ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު - ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ނަގާ ވޯޓަކީ ގާނޫނު އަސާސީއާ ހިލާފަށް ނަގާ ވޯޓެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި ހުޅުދޫ އާއި މީދޫ އާއި، އަދި ފޭދޫގައި ނެގުމަށް ނިންމާފައިވާ ޢާންމު ވޯޓު ނުވަތަ ރެފެރެންޑަމްއަކީ ޤާނޫނުއަސާސީގެ 15 ވަނަ މާއްދާގެ (ޏ) އާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޢައިރު ދުސްތޫރީ ޤަރާރެއްގެ ދަށުން ނަގާ ވޯޓެއް ކަމަށެވެ.

އޭގެ ސަބަބުތައް ބަޔާން ކުރައްވަމުން ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބުނެވުނު ޤަރާރު ނެރެފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން ކަމަށް އެ ޤަރާރުގައި ބުނެފައިވާއިރު، ޤާނޫނުއަސާސީގެ އިޝާރާތްކުރެވުނު މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރު، ކަމާބެހޭ ޤާނޫނަކުން ތަންޒީމުކުރަންވާނީ ޤާނޫނުއަސާސީގެ "ސުޕްރެމެސީ" ގެ މަބްދައާއި، ޤާނޫނީ ޤާޢިދާތަކުގެ ހައެރާކީ ނުވަތަ "ހައެރާކީ އޮފް ނޯމްސް" ގެ މަބްދައަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ ބުނެވުނު ނައްޞުގެ ޙުދޫދުގެ ތެރޭގައި އެ ނައްޞާ ތަޢާރުޞުނުވާނޭ އުޞޫލަކުން ކަމަށެވެ.

އަދި ޤައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަކީ ރައީޞުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބާރެއް ގޮތުގައި ކަނޑައަޅައި ބަޔާންކޮށްފައި ވާއިރު، އެ ނައްޞުގައި ބުނެފައިވާ ޤައުމީ މުހިއްމު މައްސަލަތަކަކީ ކޮބައިކަން ތަރުޖަމާ ކުރަންވާނީ ޞައްޙަ ދުސްތޫރީ މިންގަނޑެއްގެ މައްޗަށް ބިނާކޮށް ކަމަށް ދީދީ ވިދާޅުވި އެވެ.

"އެވާން ޖެހޭނީ މައުޟޫޢީ މިންގަނޑަކަށެވެ. ނަހަމަގޮތުގައި ބޭނުން ކުރެވިދާނެ ޝަޚްޞީ މިންގަނޑަކަށް ނޫނެވެ. މިގޮތުން ބަލާއިރު، ޕަބްލިކް ރެފެރެންޑަމް އަކަށް ދާންޖެހޭ ބާވަތުގެ "ޤައުމީ މުހިއްމު" މައްސަލަތަކަކީ މުޅި ދައުލަތުގެ މަޞްލަޙަތާ ގުޅިފައިވާ މައްސަލަތަކެވެ،" ދީދީ ވިދާޅުވި އެވެ.

އޭގެތެރޭގައި ދައުލަތުގެ ސިޔާދަތާއި، ޤައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތާ، އަދި ދުސްތޫރީ ބޮޑެތި ބަދަލުތަކާއި އިޞްލާހުތައް ފަދަ މައްސަލަތައް ޝާމިލުވެގެންވާ ކަމަށް ދީދީ ވިދާޅުވި އެވެ.

"އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އެ އަތޮޅުގެ ބައެއް ދާއިރާތަކުގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭ ރައީސުލްޖުމްހޫރިއްޔާގެ އިސްވެ އިޝާރާތްކުރެވުނު ޤަރާރަރަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ދުސްތޫރީ ބާރުގެ ބޭރުން ނެރެފައިވާ ޢައިރުދުސްތޫރީ ޤަރާރެކެވެ،" ދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ އައްޑޫގެ ބައެއް ދާއިރާތަކުގެ ރައްޔިތުންގެ، އިދާރީ ޠަބީޢަތުގެ ބައެއް ކަންބޮޑުވުންތަކަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ތަރަހައިގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞަށް އޭގެ އަސަރު ނުކުރާނޭ ގޮތެއްގެ މަތިން ދުސްތޫރީ އަދި އިދާރީ ޙައްލު ހޯދައި ދެވިދާނެ ކަންބޮޑުވުންތަކެއް ކަމަށެވެ. އެ ޙައްލުތަކުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ސަބް ކައުންސިލްތަކެއް އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގައި ޤާއިމުކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.