Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އައްޑޫ ކަރަންޓް މައްސަލަ ހައްލު ކުރަން ބަޔަކާ ހަވާލު ކުރަނީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި އެކަން ބަޔަކާ ހަވާލު ކުރަން ތައްޔާރުވަމުބް އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މިދިޔަ މަހު އާންމުކުރި އެ ކުންފުނީގެ ހާއްސަ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި އިސްވެރިންތަކެއް މިއަދު ހާޒިރުކޮށް، ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުން އެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލުތަކަކާ ގުޅިގެން ނަޖާހު ވިދާޅުވީ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައި ދޭން މި އަހަރުގެތެރޭ ބަޔަކާ ހަވާލުކުރެވިގެން ދާނެ ކަމަށެވެ.

"އެކަން އަޅުގަނޑުމެން މި ދަނީ ރައީސް އޮފީހާއި. ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން ބަލަމުން. ދެން އަޅުގަނޑުމެންގެ ބަލަދުވެރި ދެ މިނިސްޓްރީއެއް މި އިންނަނީ. އެންވަރަމަންޓު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ،" އޭނަ ވިދާޅުވި އެވެ. "އެ ދެ މިނިސްޓްރީ އާ ގުޅިގެން އަޅުގަނޑުމެން މި ދަނީ އެކަންކަން ކުރަމުން. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގަ އަޅުގަނޑުމެން ކޮންމެވެސް އެއް ބަޔަކަށް. ކޮންމެވެސް އެއް ގޮތަކަށް ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ."

އެ ޖަވާބާ ގުޅިގެން އަޒާން ވަނީ މި އަހަރު ބާކީ އޮތީ ދެ މަސްކަމުން، އެ ދެ މަސްދުވަހުގެ ތެރޭ އައު އިންޖީނުތަކެއް ގަންނަން ބަޔަކާ ހަވާލުކުރަނީތޯ ނުވަތަ ދިރާސާއެއް ކުރަން ހަވާލުކުރަނީތޯ އައްސަވައިފަ އެވެ.

އޭގެ ޖަވާބުގައި ނަޖާހު ވިދާޅުވީ ދިރާސާތައް މިހާރު ވެސް ހެދިފައިވާ ކަމަށާއި މި އަހަރު ފެށިގެންދާނީ ކަރަންޓު މައްސަލަ ހައްލު ކުރުމުގެ އަމަލީ މަސައްކަތް ކަމަށެވެ.

"ކޮންމެ ބަޔަކު ހަވާލުވިޔަސް އަޅުގަނޑުމެންނަށް އެ ބޭފުޅުންނަށް ދިރާސާތައް ހިއްސާކުރެވިގެން، ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ،" އޭނަ ވިދާޅުވި އެވެ. "އެހެންވީމަ، އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުން."

އައްޑޫގެ ކަރަންޓް މައްސަލަ ހައްލު ކުރަން ބަޔަކާ ހަވާލުކުރާ ވާހަކަ ނަޖާހު ވިދާޅުވި އިރު، ފެނަކައިގެ އެމްޑީއަކަށް މުއާޒް މުހައްމަދު ރަޝީދު ހުންނެވި މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18 ގައި ޗައިނާގެ ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ. ދެ އަހަރު ތެރޭ ނިންމާ ގޮތަށް އޭރު މަސައްކަތް ހަވާލުކުރީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ އެވެ.

އޭރު ފެނަކައިން ބުނެފައި ވަނީ މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުގައި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ހަދާ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކީގައި ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ.

އެގޮތުން މަޝްރޫއު ނިމުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ އެ ކުންފުނިން ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދެނީ މަރުކަޒީ އިންޖީނުގެއިންނެވެ.