ގޭގައި މަރުވެފައި ތިއްބައި އިއްޔެ އައްޑޫ ހިތަދޫން ފެނުނު ދެމަފިރިންގެ ހަށިގަނޑު އަދިވެސް އޮތީ ހޮސްޕިޓަލްގައި ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި މަރުވެފައި ތިއްބައި ފެނުނީ ހިތަދޫ ކްރޭންގޭ އިބްރާހިމް އަބްދުﷲ ،60، އާއި މަރަދޫ ނާރެސް، ފަރުހަނާޒް ރަޝީދު ،52، އެވެ. އެ ދެމަފިރިން މަރުވެފައި ތިއްބައި ފެނުނީ އެ މީހުންނަސް ގުޅުމުން ފޯނު ނުނަގާތީ އާއި އެއްވެސް ޚަބަރެއް ނުވާތީ އާއިލާގެ ބަޔަކު ގޭގެ ފުރާޅުން ޓިނު ނައްޓައިގެން އަރައި ބެލި އިރު އެވެ.
އެ މީހުން އުޅުނު ގެއަކީ ދާދި ފަހުން އިމާރާތްކޮށް، މިދިޔަ އާދީއްތަ ދުވަހު ބަދަލުވި ގެެއެއް ކަމަށް އެނގިފައިވެ އެވެ. އެ ގެ ހުންނަނީ ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދުގަ އެވެ.
ގެއަށް ފެނަކައިގެ ކަރަންޓް ލެވިފައި ނުވާތީ އެ ގެއަށް ކަރަންޓް ދީފައި ހުރީ ގޭތެރޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރަކުންނެވެ. މިކަމާ ގުޅިގެން ބައެއް މީހުން ވަނީ ދެމަފިރިން މަރުވީ ޖަނަރޭޓަރުންކޮށްފައިވާ ދުމުގެ އަސަރުން ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެފަ އެވެ.
ނަމަވެސް ފުލުހުން އިއްޔެ ބުނެފައި ވަނީ ދެމަފިރިންގެ މަރުގައި ޝައްކު ކުރެވޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ހަށިގަނޑުތައް ވަޅު ނުލައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އަދިވެސް ބާއްވާފައި އޮތީ މިކަމާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ބަލަމުން އަންނާތީ ކަމަށް ފުލުހުން ބުންޏެވެ.