Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ފީފާގެ ރައީސާ އެކު ރައީސް މުއިއްޒުގެ މެޗެއް

ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އެ މެޗް އޮންނާނީ މާދަމާ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކަމަށެވެ. އެއީ ހަވީރު 4:00-6:00 އަށެވެ.

މާދަމާ އިން ފެށިގެން ހޮނިހިރު ދުވަޖާ ހަމައަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ރާއްޖެ އަށް ކުރާ ދަތުރާ ގުޅޭ ގޮތުން އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ އިންފަންޓީނޯގެ މި ދަތުރުގެ ތެރެއިން ރައީސް މުއިއްޒާއި ބައްދަލުކުރައްވައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރާނެ ކަމަށެވެ.

އެފްއޭއެމުން ބުނީ މި ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ ފުޓްބޯޅަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން އެ މެޗުތައް ބެލުމަށް ދަނޑަށް ދިއުމަށް ވަނީ އެދިފަ އެވެ.

އިންފަންޓީނޯގެ ރާއްޖޭގެ ދަތުރަކީ ފީފާގެ ރައީސަކު 19 އަހަރު ފަހުން ރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރެވެ. އެތަނުގެ ރައީސަކު އެންމެ ފަހުން ރާއްޖެ އައީ 2004 ގަ އެވެ.