Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ސިނގިރޭޓު ކޮންޓެއިނަރު ނެގި މައްސަލައިގައި، ކޮންޓެއިނަރުތައް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ ބޯޓުގެ ކެޕްޓަން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި މީގެ ކުރިން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅުންހުރި އިތުރު މީހަކަށް، ކްރިމިނަލް ކޯޓުން ވަނީ ބަންދު މުއްދަތު ޖަހައިފަ އެވެ.

މިއަދު ބަންދުގެ މުއްދަތު ޖެހީ ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދު ،57، ގެ މައްޗަށެވެ. އޭނާގެ ބަންދަށް 7 ދުވަސް ވަނީ ޖަހައިފަ އެވެ.

އެ ބަންދު އަމުރުގައިވާ ގޮތުން ވައްކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާއަކީ ކޮންޓެއިނަރު ގެންދިޔަ ދޯނީގެ ކެޕްޓަން ކަމަށް މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގަށް މީގެކުރިން ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން މީގެކުރިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.

ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.