Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ މިއަދު ހެނދުނު ޓާސްކްފޯސް އިން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1، ރުއްގަނޑު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ 5 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން މިހާރު ވަނީ ފަށާފަ އެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފަ އެވެ.