Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ކުޑަ ދަރިފުޅުގެ ވިސްނުމާއި ބޮންސާއި ގަސް!

ލޮބުވެތި މައިންނާއި ބަފައިންނޭވެ! ދަރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާ ހަވާލުކުރައްވާ ވަރަށް ވެސް ބޮޑު އަމާނާތެކެވެ. އަދި އެ ކުދިންގެ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ވެސް ބޮޑު ބުރަ ޒިންމާއެކެވެ.

މައުޟޫގައި ބުނެފައިވާ އެ ބޮންސާއި ގަހުގެ ވާހަކަ ގެނެސްފައި ވަނީ ވަރަށް މުހިއްމު ބޭނުމަކުއެވެ.

ބޮންސާއި ގަހަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ބުރަ މަސައްކަތުން ހައްދާ ވަރަށް އަގުބޮޑު ގަސްގަހުގެ ބާވަތްތަކަކަށް ކިޔާ ނަމެކެވެ. ވަރަށް މަސައްކަތް ބުރަ، އެހާމެ ފަރުވާތެރިކަމާއި ކެތްތެރިކަމާއެކު ކުރާ ބުރަބޮޑު މަސައްކަތެކެވެ. ތިޔައިގެ ތެރެއިން ގިނަ ބަޔަކަށް މިކަން އެނގިވަޑައިގަންނަވާނެ އެވެ. އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާ ނަމަ ގޫގުލް ގާތުން އޮޅުންފިލުވާށެވެ. ކޮންމެއަކަސް ބޮންސާއި ގަހުގެ ޚާއްޞަ ކަމަކީ އެގަހުގެ ގުދުރަތީ ބޮޑު މިނަށްވުރެ ގަސް ހައްދާފައި ހުންނަ އިރު ކުޑަވުމެވެ. މޭވާ އަޅާ ގަހެއް ނަމަ، މޭވާ ވެސް އަސްލު ސައިޒަށް ވުރެ ކުޑަ ވާނެ އެވެ. މާ އަޅާ ގަހެއް ނަމަ ހަމަ މިފަދަ އެވެ.

މި ބާވަތުގެ ގަސް ހެއްދުމަށްޓަކައި ގަސް ވަކި ވަރަކަށް ބޮޑުވުމަށް ފަހު ގަހުގެ ކުރިތައް ކޮށަން ފަށާނެ އެވެ. ފެން ދިނުން ވެސް މަދުކުރާނެ އެވެ. ގަހަށް ބޭނުންވާ ހުރިހާ ކަމެއްހެން ކުރާނީ "މަދު ކޮށްގެން" ވަކި މިންވަރެއްގައި ހިފަހައްޓައިގެންނެވެ. ކާނާ ދިނުން ވެސް ހަމަ މިފަދަ އެވެ. ނަތިޖާއަކަށް ވަނީ ގަސް ބޮޑުވުން މަޑުޖެހި ‘ފާޑަކަށް’ ގާ ވުމެވެ. ފެންނަ ފެނުމަށް ގަސް ރީތިވެދާނެއެވެ. ނަމަވެސް ގަސް އެހެރީ ގަދަކަމުން ‘ކުރުގަޅުވާފައެވެ’.

އަހަރެމެންގެ ދަރިންނޭތޯ އެވެ! އެކުދިންވެސް ބޮޑެތިވެގެން އަންނަ ދުވަސްވަރު ލައްކަ ކަންތައްތަކެއް އެ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި ބޭނުން ވެއެވެ. ހަށިގަނޑުގެ ހެދިބޮޑުވުމެވެ. ސިކުނޑީގެ ހެދިބޮޑުވުމެވެ. ހިތުގެ ހެދިބޮޑުވުމެވެ. މިހުރިހާ ކަމަކަށް ހެން ކާނާ ބޭނުންވާ އިރު، މިކަމަށް އެންމެ އެކަށީގެންވާ އެންމެ ރަނގަޅު ކާނާ ދެނެގަތުމަކީ އަހަރެމެން މައިންބަފައިންގެ ވަރަށް ބޮޑު ޒިންމާއެކެވެ. އަދި މިފަދަ ކާނާ އެކުދިންނަށް ދޭން ވާނީ ވެސް ހައްދު ފަހަނައަޅައި ނުދާ ވަރަށެވެ. އަދި ބޭނުންވާ ވަރަށް ވުރެ މަދުންނެއް ވެސް ނޫނެވެ.

ލޮބުވެތި މައިންބަފައިންނޭވެ! ކުދިންގެ ހެދިބޮޑުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަފްސާނީ ދުޅަހެޔޮކަން ގުޅިފައިވަނީ އެކުދިން ކަންކަމާ މެދު ދެކޭ ގޮތާއެވެ. އެކުދިންގެ އިހުސާސް ތަކާއެވެ. އެކުދިންގެ އަމިއްލަ ނަފްސުގެ އަގުކުރުންތަކާއެވެ. އެކުދިންގެ ދޭދޭ ގުޅުންތަކާއެވެ. އެކުދިންގެ ލޮލުން އެކުދިން ދުނިޔެ ދެކޭ ގޮތާއެވެ. މިހެންކަމުން މިކަމުގައި ފަރުވާކުޑަ ނުކުރަމާ ހިނގާށެވެ.

ގުދުރަތީ މާހައުލަކީ ކުދިންގެ ނަފްސާނީ ތަރައްގީއަށް ބާރުދޭ އެކަމަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެންމެ މުހިއްމު ކާނާ އެވެ. ނަފްސާނީގޮތުން ދުޅަހެޔޮ ދަރިއަކު ބޮޑުކުރަން ބޭނުން ނަމަ ގުދުރަތީ މާހައުލާ ކުދިންނާ ބީރައްޓެހި ނުކުރާށެވެ. ގިނަ ފަހަރަށް ޖިސްމާނީ ތަރައްގީގެ ބޮޑުބައި ވެސް ގުޅިފައި ވަނީ ގުދުރަތީ މާހައުލާއެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަގުތުކޮޅެއް ކުދިން ގޮވައިގެން ބޭރަށް ނިކުމެލާށެވެ. އަތިރިމައްޗަށް ޖެހިލާށެވެ. ދޮންވެއްޔާ ކުޅެން ދާށެވެ. ގަސްގަހަށް އަރަން ކުދިންނަށް ހިތްވަރު ދޭށެވެ. ތަނަކުން ވެއްޓި ތެޔޮހަން ދިއުމަކީ މާބޮޑުކަމަކަށް ނަހަދާށެވެ.

މޫދަށް އެރުވަން މަސައްކަތް ކުރާށެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ ސިހުން ކެނޑި ކެރުންތެރިކަން އިތުރުވާނެއެވެ. މިކާނާ އެކުދިންނަށް ބޭނުންވާ ވަރަށް ނުލިބޭ ނަމަ، ކުދިން ގުރުޑުވާން ފަށާނެ އެވެ. ވިސްނުން ކޮށިވާން ފަށާނެ އެވެ. ކަންކަމާ މެދު ނައްސިކޮށް ވިސްނަން ފަށާފާނެ އެވެ. ކުދިން ‘ބޮންސާއި’ ވާން ފަށާފާނެ އެވެ.

ގޭތެރޭގެ މާހައުލަކީ ދެވަނައަށް އެންމެ އިސްކަމެއް ދޭން ޖެހޭ މާހައުލެވެ. ކަމެއް ނެތި ކުދިން ގަނަތެޅެންވެއްޖެ ކަމަށްވާ ނަމަ އެކުދިންގެ ނަފްސާނީ ތަރައްގީއަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ. ލޮބުވެތި ބަފައިންނޭވެ! ދަރިންނަށްޓަކައި ޖާނާއި މާލުން ގުރުބާންވާ ބައްޕައިން މަދެއް ނޫނެވެ. އެހެން ނަމަވެސް އަހަރެމެންނަށް ނޭނގި ކުރެވޭ ވަރަށް ގިނަ އިސްރާފުތަކެއްގެ ސަބަބުން ދަރިންގެ މުސްތަގުބަލަށް ހުރަސް އެޅޭކަން އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގެއެވެ.

ވަކިން ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ މިކަމުގެ ގެއްލުން އަދި މާބޮޑެވެ. ހަފުތާއެއްގެ މައްޗަށް ގާތްގަނޑަކަށް މަދުވެގެން ފަސް ސަތޭކަ ރުފިޔާ ދުންފަތަށް ހޭދަކުރާ ނަމަ، އެ ފަސް ސަތޭކަ ރުފިޔާއަށް ދަރިފުޅަށްޓަކައި ދިހަ ބާރަ ފޮތް ގަނެވޭނެކަން އެނގެނީ އަހަރެމެންގެ ތެރެއިން ކިތައް ބައްޕައިންނަށް ހެއްޔެވެ؟

ޅަ އުމުރުގައި ދަރިފުޅު ކިޔާ އެންމެ ފޮތެއްގެ އަސަރު އެދަރިފުޅުގެ ސިކުނޑީގައި އެތައް އަހަރެއް ވަންދެން ހަރުލާފައި ހުރެއެވެ. އެފޮތުގެ ސަބަބުން އެދަރިފުޅު އެތައް ހުނަރެއް އެއްފަހަރާ ދަސްކުރެއެވެ. އެފޮތުގެ ސަބަބުން މުވާސަލާތު ކުރުމުގެ ހުނަރު ތަރައްގީވެ އެވެ. އެ ފޮތުގެ ސަބަބުން ދަރިފުޅު މުނިފޫހިފިލައެވެ. އެފޮތުގެ ސަބަބުން ދަރިފުޅުގެ ސިކުނޑީގައި އެތައް ހުނަރެއްގެ ބިންގާ އެޅިގެންދެ އެވެ. ވަޒީފާގެ ސަބަބުން ބައްޕައަށް ދަރިފުޅަށް ނުދެވޭ އެތައް ވަގުތެއް އެއްކަލަ ފޮތްތަކުގެ ސަބަބުން ފުރިގެންދެއެވެ. ދަރިފުޅު ބުނާ ކަހަލައެވެ. ލޯބިވާ ބައްޕާ އެވެ! ދުންފަތަށް ކުރާ ހޭދައިގެ ބަދަލުގައި އަހަރެންނަށް ފޮތް ގަނެދޭށެވެ.

އެހެން ނޫނީ އަހަރެން ވެސް ބޮންސާއި ގަހެއް ހެން ގުރުޑު ވެދާނެއެވެ.

ފޮތް ކިޔުމާ ދަރިން ދުރުވާ ނަމަ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރެއެވެ. މުވާސަލާތުކުރުމުގެ ހުނަރުން ފެށިގެންގޮސް ރުޅިގަދަވެ ބޮޑާހޭކުމާ ހަމައަށެވެ. ލޮބުވެތި މައިންބަފައިނޭވެ! ކުދިން ގުރުޑުވާން ދިމާވާ އެންމެ ބޮޑު ޒަމާނީ ސަބަބުތަކުގެ ތެރޭގައި ސްކްރީންތަކާ ދޯޅުވުން ހިމެނެއެވެ. ކުދިންގެ ފަރާތުން ސަލާމަތްވުމަށްޓަކައި އެކުދިން އަތަށް ފޯނާއި ޓެބްލެޓް ނުދޭށެވެ. މައިތިރި ކުރުމަށްޓަކައި ޓީވީ ނުދައްކާށެވެ. ހެޔޮނުވާނެ އެވެ. އެކުދިން އެންމެ އަޑުއަހާ ހިތްވަނީ ތިޔަ މައިންބަފައިންގެ އަޑެވެ. އެކުދިންނަށް އަމިއްލަ ތަޖުރިބާއިން ވާހަކަތައް ކިޔައިދޭށެވެ.

އެކުދިންނާއެކު ކުޅެ، ފޮތްކިޔައި، ކުލަޖައްސައި ހަދާށެވެ. ގޭތެރެއިން ނަމަނަމަ ކުލައާއި ކުލަފަންސުރާއި ކަރުދާސް ހުސްނުކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭށެވެ. އެކުދިން ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ކުރަހައި، ލިޔެ ހަދަން އެ އެއްޗެހިތައް ދޭށެވެ. ހުސްވާއިރަށް ގަނެދޭށެވެ. އެއީ އެކުދިންގެ ހިތުގެ ކާނާ ކަމުގައި ވެސް ވެދާނެއެވެ.

ނަމަނަމަ ކަންކަން ކުރުމުގައި ކުދިންނަށް ބުރަބޮޑު ނުކުރާށެވެ. އެކުދިން ބޮލަށް ތުރާވާ ވަރަށް އެ ކުދިންނަށް އުނދަގޫ ނުކުރާށެވެ. ނޫނީ އަހަރެމެންގެ ލޮލުގެ ފިނިކަން ކަމުގައިވާ ކުދިންކޮޅު ގުރުޑުވެ ބޮންސާއި ވާން ފަށާފާނެ އެވެ.

މި ހަވާސާގައި މި ނޫނަސް ލައްކަ ވާހަކައެއް ދެއްކިދާނެ އެވެ. ސަބަބަކީތޯއެވެ! ތަރުބަވީ ވަޒީފާއަކީ އެންމެ ގިނައިން މުސާރަ ލިބޭ، އެންމެ ގިނަ ހުނަރު ބޭނުންވާ، އެންމެ ކުޅަދާނަ މީހުންނަށް ނޫނީ އަދާ ނުކުރެވޭނެ ވަޒީފާއެވެ. އެހެންނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިވަޒީފާ އަދާކުރުމަށް މަގުމަތިން މީހުން ހޮވައިގެންނާއި އިޖުތިމާޢީ އޮޅިތަކުން މީހުން ހޮވައިގެން ގެނެސް ދަރިން ތަރުބިއްޔަތު ކުރެވިދާނެ ކަމަށެވެ. އެއީ ހަމަ ހުސް ‘ދެއުޅިއެއް ނުވާ’ ވިސްނުމެވެ.

މަސްދަރު: ދިސަލަފިއްޔާ