Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޗައިނާގެ ޗޮންގްޗިންގް އެއާ ވެސް އާ ޓާމިނަލަށް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ވީއައިއޭ) ގެ އާ ޓާމިނަލުން ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ ހިދުމަތް ފަށައިފި އެވެ.

އެ އެއާލައިންސްގެ އޮޕަރޭޝަންތައް އިއްޔެ ފެށީ ޑިޕާޗަ ސަހައްދުގައި ބޭއްވި ރިބަން ޚާއްޞަ ރަސްމިއްޔާތަކުންނެވެ. ޗޮންގްޗިންގް އެއާލައިންސް އަކީ އާ ޓާމިނަލްގައި ހިދުމަތް ދޭން ފެށި 12 ވަނަ އެއާލައިނެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ބުނީ މިއަދުން ފެށިގެން ބްރިޓިޝް އެއާވޭސްގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުވާނެ ކަމަށެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ޓާމިނަލް ހުޅުވީ ޖުލައި 26 ގަ އެވެ. އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.

މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.

އާ ޓާމިނަލުން މިހާރު ހިދުމަތް ދެމުން އަންނަ އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އެއާ އަރަބިއާ ބިއޯންޑް ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާލައިންސް ބަޓިކް އެއާ ބެންކޮކް އެއާވޭސް އަދި އިންޑިގޯ، ގަލްފް އެއާ، މެލޭޝިއާ އެއާލައިންސް އަދި ސައުދިއާ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.