ޝޫޓިން ފަށާފައިވާ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ އާ ފިލްމު "ސްޕިރިޓް" އަށް ވިވެކް އޮބެރޯއީ ވެސް ސޮއިކޮށްފައިވާކަން ކަށަވަރުކޮށް ދީފި އެވެ.
އެކަން ކަށަވަރުކޮށް ދިނީ މި ފިލްމުގެ ލީޑް ބަތަލު، މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސްގެ 46 ވަނަ އުފަން ދުވަހާ ދިމާކޮށް އިއްޔެ އާންމުކުރި ފިލްމުގެ އޯޑިއޯ ޓީޒާއެއްގަ އެވެ. އޭގައި ވަނީ "ސްޕިރިޓް" ގެ ކާސްޓުން ޕްރަކާޝް ރާޖް އާއި ކާންޗަނާ ވެސް ފެންނާނެކަން ހާމަކޮށްފަ އެވެ.
ޕްރަބާސް ފުލުހެއްގެ ރޯލު ކުޅޭ "ސްޕިރިޓް" ގެ ލީޑް ބަތަލާ އަކީ ޓްރިޕްތީ ދިމްރީ އެވެ. އޭނަ އަކީ ސަންދީޕް އެންމެ ފަހުން ގެނެސްދިން 2023 ގެ "އެނިމަލް" ގައި ރަންބީރް ކަޕޫރާ އެކު "ބޯލްޑް" ރޯލެއް ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ބަތަލާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ސްޕިރިޓް" ގައި ޓްރިޕްތީ ކުޅެނީ ޑޮކްޓަރެއްގެ ރޯލެވެ.
އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެކަމަކު "ސްޕިރިޓް" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި ފިލްމުގެ ކާސްޓާ ވިވެކް، 49، ގުޅުނު އިރު، މި ފަހުން އާންމުކޮށް ސަޕޯޓިން ރޯލުތަކުން ފެންނަ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 21 އަށް ތާވަލުކޮށްފައި އޮތް "މަސްތީ" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ.